ފަސޭހަކަމާއެކު ކުލަބް އީގަލްސް ބަލިކޮށް، މާލޭލީގުގެ ޗެންޕިންކަމާ ފިޔަވަޅަކަށް ގާތަށް ނިއުރޭޑިއަންޓް ޖެހިލައިފިއެވެ.
އެސްޓިއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ރޭ އީގަލްސްގެ މައްޗަށް ނިއުރޭޑިއަންޓް ކުރި ހޯދީ 4-1 ލަނޑުންނެވެ. މެޗުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ހެޓްރިކް ހަދާފައެވެ. އޭނާ ހެޓްރިކް ފުރިހަމަ ކުރީ އޭރިޔާ ތެރެއިން ސެންޓޭއަށް ކުރި ފައުލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ނިއުރޭޑިއަންޓްގެ ފުރަތަމަ ދެ ލަނޑު ޖެހީވެސް މެޗުގެ މޮޅު ކުޅުންތެރިޔާ ސެންޓޭއެވެ. ތިންވަނަ ލަނޑު ޖެހީ ހަމްޒާ މުޙައްމަދުއެވެ.
ސެންޓޭ ފުރަތަމަ ލަނޑު ޖަހާ ނިއުއަށް ލީޑް ހޯދައިދިނީ މެޗު ފަށައިގެން ހަތްވަނަ މިނިޓްގައެވެ. ފުރަތަމަ ލަނޑަށް ގިނަ އިރުތަކެއް ނުވެ ސެންޓޭ ދެވަނަ ލަނޑު ޖެހުމުގެ ކުރިން އަތުގައި ބޯޅަ ޖެހުނުކަމަށްބުނެ އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒުއާއި، ބެންޗުންވެސް ވަރަށް ބޮޑަށް މައްސަލަ ޖެއްސިއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރުމުން އީގަލްސްގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ވަނީ ބެންޗުން ފޮނުވާލާފައެވެ. އަދި މުޙައްމަދު އާރިފް (ބަކާ) އަނިޔާވެ ވަނީ ބަދަލުކޮށްފައެވެ. މެޗުގެ ދެވަނަ ހާފްގައި އީގްލަސްގެ ޕެނެލްޓީ އޭރިޔާ ތެރެއިން ޑިފެންޑަރ ސޮލާހު އަލީ ކުރި ފައުލަކާ ގުޅިގެން ނިއުއަށް ޕެނެލްޓީއެއް ދީ ސޮލާހަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއެވެ. ސެންޓޭ ހެޓްރިކް ފުރިހަމަ ކުރީ އެޕެނަލްޓީންނެވެ. އަޝްފާޤު ސަސްޕެންޑްވެފައި ހުރުމުން މެޗުގައި ރޭގެ މެޗުގައި ނިއުގެ ކެޕްޓަނަކީވެސް ސެންޓޭއެވެ.
އީގަލްސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ މެޗު ނިމެން އަށް މިނިޓަށް ވެފަވަނިކޮށް، ބްރެޒިލް ފޯވާޑް އެޑުއާޑޯއެވެ. މިއީ މިލީގުގައި އެޑްއާޑޯ ކާމިޔާބުކުރި ސޯޅަ ވަނަ ލަނޑެވެ.
މިމެޗުން ހޯދި މޮޅާއެކު ނިއުރޭޑިއަންޓުން ވަނީ ލީގު ތާވަލްގެ އެއްވަނައިގަ 28 ޕޮއިންޓް ހަމަކޮށްފައެވެ. ނިއު ކުރިއަށް އޮތް ވެލެންސިޔާ މެޗު ކާމިޔާބުކޮށްފިނަމަ މާލޭ ލީގުގެ ޗެންޕިއަންކަން ކަށަވަރުވާނެއެވެ. ވެލެންސިޔާއަކީ ސީޒަންގައި މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމެވެ.