ޓުއަރިޒަމް

ޖަނަވަރީމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ނިޞްބަތް %13.6 އިތުރު


މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް ސަތޭކަ ސާޅީސް ދެހާސް ތިންސަތޭކަ ފަންސާސް އެއް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު 13.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެ ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. ޔޫރަޕްގެ ޤައުމުތަކުން 76 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު 19.6 އިންސައްތައިގެ ކުރިއެރުމެކެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިޔާ ޕެސިފިކް ޤައުމުތަކުންނެވެ. މިޞަރަޙައްދުން 52 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް 3.1 އިންސައްތައިގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މީގެއިތުރުން މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި އެމެރިކާ ސަރަހައްދުން 6،581 ފަތުރުވެރިންނާއި މެދުއިރުމަތީގެ ޤައުމުތަކުން 5،567 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ވަކި މާކެޓްތަކަށް ބަލާލާއިރު 2018 ވަނަ އަހަރު ރަޝިޔާ، އިންޑިއާ، ފަރަންސޭސިވިލާތް، ޔޫއެސްއޭ އަދި ސައުދީ ޢަރަބިއްޔާ ފަދަ މާކެޓްތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށްވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީމަހު ރާއްޖޭގައި 43،032 އެނދު ރަޖިސްޓްރީ ކޮށްފައިވާއިރު އޭގެތެރެއިން 40،917 އެނދު އޮޕަރޭޓްކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ. އެއީ 73.5 އިންސައްތައެވެ. އަދި މިއަހަރުގެ ޖަނަވަރީމަހު އެވްރެޖްކޮށް ފަތުރުވެރިއަކު ރާއްޖޭގައި ހޭދަކޮށްފައިވާ ދުވަހުގެ އަދަދުވަނީ 6.5 ގައި ހިފެހެއްޓިފައެވެ.