އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީގެ ގިނަ ކުޅުންތެރިންތަކެއް ޓީމު ދޫކޮށް ދިޔަ ނަމަވެސް މިހާރު އޮތް ޓީމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެޓީމުގެ ކޯޗު ކަމާއި މިސީޒަންގައި ހަވާލުވި އެންޒޯ މަރެސްކާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި މިއަންނަ އާދިއްތަ ދުވަހު ބޯންމޯތާއި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މަރެސްކާވަނީ ޓްރާންސްފަރ މާކެޓް ބަންދުވުމުގެ ކުރިން ސިޓީ ޓީމަށް ކުރިއަށް މިއޮތް ދުވަސް ކޮޅުގައިވެސް އިތުރު ބަދަލުތަކެއް ފެނިގެން ހިނގައިދާނެކަމުގެ އިޝާރާތެއް ކޮށްފައެވެ. މަރެސްކާ މިހެން ބުނެފައިވާއިރު ސާވީނިއޯގެ ޓްރާންސްފަރގެ ކަންތަކުގައި ސިޓީ އާއި ޓޮޓްނަމް ހޮޓްސްޕަރގެ މެދުގައިވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި އޮމަރު މަރުމޫޝް ގެންދިއުމަށް ސްޕަރސްއިން ކުރަމުންދާ މަސައްކަތުގައިވެސް ދެކްލަބުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އަދި ނީކޯ ގޮންޒާލޭސްގެ މުސްތަގްބަލްވެސްވަނީ ސުމާލު މާކެއްގެ ތެރޭގައެވެ.
މަރެސްކާ ބުނީ ރޮޑްރީ އާއި ސާވީނިއޯވެސް ޓީމު ދޫކޮށްދާން ބޭނުންވާކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެދެކުޅުންތެރިން އޭނާ އާއި ހިއްސާ ކޮށްފައިވާކަމަށާއި ނަމަވެސް މަރުމޫޝްގެ ކަންތައް އެދެކުޅުންތެރިންނާއި ތަފާތު ކަމުގައިވެސް މަރެސްކާ ފާހަގަ ކުރިއެވެ. މަރެސްކާ ބުނީ ސިޓީ ދޫކޮށް މިފަހަރު ދިޔަ ގިނަ ކުޅުންތެރިންނަކީ ފުރަތަމަ އެގާރައިން ގަވައިދުން ޖާގަ ނުލިބޭތީ ގަވައިދުން ކުޅުމުގެ ފުރުސަތު ބޭނުންވާތީ ދިޔަ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ޓީމު ދޫކޮށް ކުޅުންތެރިން ދާއިރު ޓީމަށް އާކުޅުންތެރިންވެސް އަންނާނެ ކަމަށާއި ނަމަވެސް އެއްވެސް ކުޅުންތެރިއެއްގެ ނަން ހާމަކުރަން އޭނާ ދެކޮޅު ހެދިއެވެ. އަދި ޗެލްސީގެ އެންޒޯ ފެނާންޑޭޒްގެ ވާހަކަ އެހުމުން އޭނާ ބުނީ އެންޒޯ އަކީ ޗެލްސީގެ ކުޅުންތެރިއެއް ކަމަށެވެ. އަދި އެހެން ޓީމުތަކުގެ ކޯޗުން އޭނާގެ ކުޅުންތެރިންގެ ވާހަކަ ދައްކަންޔާ އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި އެހެން ކަމުން އެހެން ޓީމުތަކުގެ ކުޅުންތެރިންގެ ވާހަކަ އޭނާވެސް ނުދައްކާނެ ކަމަށެވެ. ނަމަވެސް އާ ކުޅުންތެރިންގެ ކަންތައްތަކުގައި ޓީމުގެ އޮފިޝަލުންނާއި އެކު އޭނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަން ހާމަކުރިއެވެ. އަދި ޓީމާއި ގުޅުނު ފުރަތަމަ ދުވަހުވެސް އޭނާ ބޭނުންވަނީ ކޮން ކުޅުންތެރިންނެއްކަން އެނގޭކަމަށް މަރެސްކާ ބުންޏެވެ. އަދި ކުރިއަށް އޮތް 11 ދުވަހުގެ ތެރޭގައި ގިނަ ކަންތައްތަކެއް ހިނގާތަން ފެނިގެން ހިނގައިދާނެކަމުގެ އިޝާރާތެއް އޭނާ ދިނެވެ.
މިއަންނަ އާދިއްތަ ދުވަހު ބޯންމޯތާއި ކުޅޭ މެޗު ވެގެންދާނީ ސިޓީގެ ކޯޗުކަމާއި ހަވާލުވިފަހުން ޕްރިމިއަރ ލީގުގައި އޭނާ ކުޅޭ ފުރަތަމަ މެޗަށެވެ. މަރެސްކާ ބުނީ ސިޓީގައި މިޙާރު އޮތް ޓީމާއެކު މިމެޗަށް ވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރު ވެފައިވާ ކަމަށާއި އަދި އިދިކޮޅުން ކުޅޭ ބޯންމޯތަކީ ވަރަށް ވަރުގަދަ އަދި ފިޒިކަލް ގޭމެއް ކުޅޭ ޓީމެއްކަން އޭނާ ފާހަގަ ކުރިއެވެ. މަރެސްކާ ބުނީ އަންޑޯނީ އަރައޯލާގެ ކޯޗުކަމުގައިވެސް އެޓީމު ވަރަށް ވަރުގަދަ ކަމަށާއި އަދި މިފަހަރުގެ ޕްރީ ސީޒަންގެ މެޗުތަކުގައިވެސް ފެނިގެންދިޔައީ އެވަރުގަދަ ކަންކަމަށެވެ.
މަރެސްކާ ބުނިގޮތުގައި ކޮމިއުނިޓީ ޝީލްޑް މެޗުން ބަލިވުން އެއީ އޭނާ އެންމެ ބޭނުންވި ގޮތް ނޫން ކަމަށާއި އަދި އެމެޗެއްފަހު މިލިބުނު ކުޑަ ދުވަސް ކޮޅުގެ ތެރޭގައި އެމެޗުގައި ހެދުނު ގޯސްތައް ދެނެގަނެ ބޯންމޯތު މެޗަށް ތައްޔާރުވެވިފައިވާކަމަށެވެ. އަދި ސީޓީގައި މިހާރުވެސް ރަނގަޅު ސްކޮޑެއް އެބައެއްް ކަމަށާއި އެކުޅުންތެރިންނާއެކު ބޯންމޯތާއި ދެކޮޅަށް ރަނގަޅު މެޗެއް ކުޅުމަށް އުންމީދު ކުރާކަމުގައި މަރެސްކާ ނުންޏެވެ. ނަމަވެސް މިމެޗުގައި ޖެރެމީ ޑޮކޫ ނުފެންނާނެކަމަށްވެސް މަރެސްކާ ބުންޏެވެ. އޭނާ ބުނިގޮތުގައި ޑޮކޫއަށްވަނީ ކޮމިއުނިޓީ ޝީލްޑް މެޗުގައި އަނިޔާ ވެފައިކަމަށާއި ކުރިއަށް ދެހަފްތާއެއްހާ ދުވަހު އޭނާ ފެނުން ދުރުކަމަށެވެ.