ޚަބަރު

އަނިޔާގެ ސަބަބުން ޔޫއެސް އޯޕަންގައި ސިނަރ ނުފެންނާނެ


  • ސިނަރގެ ފަޔަށް ލިބިފައިވާ އަނިޔާ އަދިވެސް މުޅިން ރަނގަޅެއް ނުވޭ

ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އިޓަލީވިލާތުގެ ޔަނިކް ސިނަރއަށް އަނިޔާގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

މަޢުލޫމާތުލިބޭގޮތުގައި ޔޫއެސް އޯޕަންއިން ސިނަރ ވަކިވެފައިވަނީ އެންމެ ފަހުން ބޭއްވި ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަންގައި އޭނާގެ ކަނާތު ކަކުލަށް ލިބުނު އަނިޔާ އަދިވެސް ރަނގަޅު ނުވާތީއެވެ. މިދިޔަ މަހު ނިމުނު ވިމްބަލްޑަން މުބާރާތުގައި އަނިޔާގައި ހުރެގެން ކުޅުނު ނަމަވެސް ސިނަރވަނީ ފައިނަލްގައި ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ބަލިކޮށް ވިމްބަލްޑަން ތަށި ދިފާއު ކޮށްފައެވެ. ނަމަވެސް އޭގެ ފަހުން މޮންޓްރިއާލްގައި ބޭއްވި މުބާރާތާއި މިހާރު ސިންސިނާޓީގައި ކުރިއަށްދާ މުބާރާތުންވެސް ވަކިވެފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އުމުރުން 25 އަހަރުގެ ސިނަރ ބުނީ މިމަހުގެ 30 ވަނަ ދުވަހު ޔޫއެސް އޯޕަންގެ ގުރުއަތުލުން ބާއްވާއިރު އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅު ނުވާނެކަމަށެވެ. އަދި އޭނާގެ ޓީމާއި މެޑިކަލް ސްޓާފުންނާއެކު ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް މިހާރު މިވަނީ އުނދަގޫ ނިންމުމެއް ނިންމަން ޖެހިފައިކަމަށެވެ. އަދި އެއީ ޔޫއެސް އޯޕަންގައި މިފަހަރު ވާދަ ނުކުރުމުގެ ނިންމުން ކަމަށްވެސް ސިނަރ ހާމަކޮށްފައިވެއެވެ.

ސިނަރ ބުނީ އޭނާ މޮންޓެ ކާލޯގައި ފަރިތަކުރާތާ ދެތިން ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އަދިވެސް އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅު ވުމަށް އިތުރު ވަގުތު ބޭނުންވާކަމަށެވެ. ސިނަރ ބުނީ އޭނާއަށް މިނިންމުން ނިންމަން ޖެހުން ވެފައިވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އަދި ނިއުޔޯކަކީ އޭނާގެ ހިތުގައި ހާއްސަ ޖަގައެއް ދެވިފައިވާ ތަނެއް ކަމަށެވެ. 2024 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ މުބާރާތް ކާމިޔާބު ކޮށްފައިވާ ސިނަރ، މިދިޔަ ސީޒަންގެ ފައިނަލްގައި ވަނީ ސްޕެއިންގެ ކާލޯސް އަލްކަރާޒް އަތުން ބަލިވެފައެވެ.

ސިނަރއަށް އަނިޔާގެ ސަބަބުން ޔޫއެސް އޯޕަންގައި ނުކުޅެވޭނެކަން ހާމަކޮށްފައިމިވަނީ އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒް ގިނަ ދުވަސް ތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް މިފަހަރުގެ މުބާރާތުގައި ތަށި ދިފާއު ކުރުމަށް ނިކުންނާނެކަން ހާމަކުރިތާ އެއް ދުވަސް ފަހުންނެވެ. އަދި މިއީ 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫއެސް އޯޕަންގައި ސިނަރ ވާދަކުރި ފަހުން މިހާތަނަށް ބޭއްވި ހުރިހާ ގްރޭން ސްލޭމް މުބާރާތެއްގައި އޭނާ ވާދަކޮށްފައިވެއެވެ.

ވޭތުވެދިޔަ ދެތިން އަަހަރު ޓެނިހުގެ ދުނިޔޭގައި ރަސްކަން ކުރަމުން އައިސްފައިޥާ ސިނަރ އާއި އަލްކަރާޒްގެ ވާދަވެރިކަން ވަރަށް ބޮޑަށް ފާހަގަ ވެގެން ގޮފައިވެއެވެ. އަދި މިދިޔަ އަހަރުގެ ތިން ގްރޭން ސްލޭމް މުބާރާތުގެ ފައިނަލްގައި މިދެ ކުޅުންތެރިންގެ ވާދަވެރިކަން ފެނިގެންދިޔަ ނަމަވެސް މިސީޒަންގައި ފަހު ތިން ގްރޭން ސްލޭމްގައި މިދެ ކުޅުންތެރިންގެ ވާދަވެރިކަންވަނީ ފެންނަގޮތް ނުވެފައެވެ.