ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ޝަރަފުވެރި އެއް އިވެންޓް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑު"ގެ އޮފިޝަލް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން މިއަދު މިވަނީ މިކަމާ ގުޅޭ އެއްބަސްވުމުގައި އުރީދޫއާއެކު ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާއެވެ.
ވީއެމްސީން ވިދާޅުވީ، އޮފިޝަލް ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ އެއް މުވާސަލާތީ ކުންފުނި ކަމަށްވާ އުރީދޫން އެކުންފުނީގެ ޑިޖިޓަލް ވަސީލަތްތަކާއި ކަނެކްޓިވިޓީގެ އެހީގައި މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.
އޫރީދޫއަކީ ރާއްޖޭގެ ވިޔަފާރިތަކުން އިތުބާރުކުރާ ޓެކްނޮލޮޖީ ޕާޓްނަރެއް ކަމަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ އައިސީޓީ ސޮލިއުޝަންތަކާއި، މެނޭޖްޑް ސަރވިސަސް، ހޯސްޓަޑް ސޮލިއުޝަންތަކުގެ އިތުރުން، ޒަމާނީ ޑޭޓާ ސެންޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު އަދި އިތުބާރު ލިބިފައިވާ ބައިވެރިއެއް ކަމަށްވެސް ވީއެމްސީން ފާހަގަކުރެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވަނީ މިފަދަ ބައިނަލްއަގުވާމީ ބޮޑު ހަރަކާތެއް ބޭއްވުމުގައި އިތުބާރުހުރި ޑިޖިޓަލް ކަނެކްޓިވިޓީއެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްގައި ބައިވެރިވާ މަންދޫބުންނާއި، ސިނާޢަތުގެ ބައިވެރިންނާއި މީޑިއާތަކަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އުރީދޫއާ އެކުގައި މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު ރާޖޭޝް މެހެތާ ވިދާޅުވީ، ވޯލްޑް ޓްރެވަލް އެވޯޑުގެ ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ވީއެމްސީއާއެކު ބައިވެރިވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއިން އައު މިންގަނޑުތަކެއް ގާއިމުކުރަމުން އަންނައިރު، ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީއާއި އީޖާދީ ޓެކްނޮލޮޖީ ސޮލިއުޝަންތަކުގެ އެހީގައި މި ސިނާޢަތް ކުރިއެރުވުމަށް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.
"މެހެމާނުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށާއި ކުރިއެރުމުގެ އައު ފުރުސަތުތައް ހޯދައިދިނުމުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ފަތުރުވެރިކަމުގެ ދާއިރާއިން ހޯދަމުންދާ މިފަދަ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކޮށް، މި ޝަރަފުވެރި ހަރަކާތަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން." ރާޖޭޝް މެހެތާ ވިދާޅުވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް، އެންމެ ކުރިއަރާފައިވާ ފަތުރުވެރި މަންޒިލްތަކާއި، ޖަމްޢިއްޔާތަކާއި، އަދި ބްރޭންޑްތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
މި އެވޯޑްގެ އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން 2026ގެ އެޑިޝަން ގެ ރަސްމިއްޔާތު ދިވެހިރާއްޖޭގައި ބޭއްވުމަކީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ މުހިންމު ފަރާތްތަކުގެ މެދުގައި ދިވެހިރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަކުރުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.