ކުޅިވަރު

"މާޒިޔާ ބަލިވީ ފުރުސަތުތަކުގެ ބޭނުން ނުހިފުނީމަ"


  • ރެގާރު އަތުން މާޒިޔާ ބަލިވީ 3-0 ގެ ނަތީޖާއަކުން

  • މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި

އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިމިނަރީ މެޗުގައި ތަޖިކިސްތާނުގެ ރެގާރް ޓެޑަޒް އަތުން ބަލިވީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފިގެން ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓްރުޗާ ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހު ހަވީރު ކުޅުނު މެޗުން މާޒިޔާ ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ތިން ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ޓްރުޗާ ބުނީ މި މެޗުގައި މާޒިޔާއަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގަން ވެސް މާޒިޔާއަށް ފުރުސަތު ލިބުނުކަން ޓްރުޗާ ފާހަގަކުރިއެވެ.

ޓްރުޗާ ބުނީ ރެގާރު ޓީމަކީ މިހާރު ތަޖިކިސްތާނުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށެވެ. އެހެންވެ މި މެޗަށް ނުކުތްއިރު ވެސް މެޗުގައި މާޒިޔާއިން އެ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން ޖެހޭކަން އެނގޭ ކަމަށް ޓްރުޗާ ބުންޏެވެ.

ޓްރުޗާ ބުނީ މި ފެންވަރުގެ މެޗުތަކަށް ނުކުންނައިރު، ހެދޭ އެންމެ ގޯހަކުންވެސް މެޗު ބަދަލުވާނެ ކަމަށާއި، މި މެޗުން ފެނިގެންދިޔައީ އެކަން ކަމަށެވެ.

"ދެވަނަ ހާފު ފަށައިގެންވެސް މާޒިޔާއިން ރަނގަޅަށް ކުޅުނީ. އެކަމަކު އެއް ބޯޅައިގައި މާޒިޔާގެ ޑިފެންޑަރުންނަށް ރަނގަޅަށް މާކު ނުކުރެވި އިދިކޮޅު ޓީމުން ގޯލު ޖެހީ" ޓްރުޗާ ބުންޏެވެ.

ޓްރުޗާ ބުނީ މާޒިޔާގެ ވިސްނުން މިހާރު ހުރީ ކަޕް ވިނާސް ކަޕުގައި ބާކީ އޮތް ދެ މެޗަށް ކަމަށެވެ. އަދި މި މެޗަށް ނުކުތްއިރު، ކޯޗެއްގެ ގޮތުގައި ޓްރުޗާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަގުތު ކަން އޭނާ ފާހަގަކުރިއެވެ.