ކުޅިވަރު

އެކަޑަމީ ތަކުގެ ފުޓްބޯޅަ މުބާރާތުން ސޮކަރ ވެޓަރެންސް ވަކިކޮށްފި


ދެ މެޗު ކުޅުނު ފަހުން މައިލޯ އިންވިޓޭޝަނަލް ކަޕުން ސޮކަރ ވެޓްރެންސް އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ އެކަޑަމީ ޓީމް މުބާރާތުން ވަކިކޮށްފިއެވެ.

 މިހާރު ކުރިޔަށްދާ މައިލޯ އިންވިޓޭޝަނަލް ކަޕް ސާދަ އަހަރުދަށުގެ މުބާރާތުން އެޓީމް ވަކިކުރި ސަބަބެއްކަމަށް ކްލަބް މޯލްޑިވްސްއިން ބުނީ ކުޅުންތެރިންގެ އުމުރު އޮޅުވާލައިގެން ގިނަ ކުޅުންތެރިންތަކެއް ޓީމްލިސްޓަގައި ހިމަނާފައި އޮތުމެވެ. މައްސަލަ ފެންމަތިވީ މުބާރާތުގައި އެޓީމުގެ ފުރަތަމަ މެޗު ކުޅުނު ފަހުންކަމަށާއި، އިތުރަށް ބެލި ބެލުމުން ލިސްޓުގައި އުމުރު މަތި އިތުރު ކުޅުންތެރިންވެސް ތިބިކަން ފާހަގަކުރެވުނުކަމަށް ކްލަބް މޯލްޑިވްސްއިން ބުނެއެވެ. ޑިސްޕްލިނަރީ ކޮމެޓީން ސޮކަވެޓަރެންސް އެކަޑަމީ ވަކިކުރަން ނިންމީ އެކަން ބެލުމަށްފަހުކަމަށް ކްލަބް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. 

ނަމަވެސް ސޮކަރ ވެޓަރެންސް އެސޯސިއޭޝަނުން ބުނީ މައްސަލަ ދިމާވީ މުބާރާތް އިންތިޒާމް ކުރާ ދެ ފަރާތުން ފޮނުވި ދެ ޤަވާއިދުގައި އޮތް ފުށުއެރުންތަކެއްގެ ސަބަބުންކަމަށެވެ. އެކަން ސަމާލުކަމަށް ގެނެސް އެކަން ހައްލުނުކޮށް ކުރިއަށްނުދާން އެދުނު ނަމަވެސް ފުރަތަމަ މެޗަށްފަހުވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުޞަތު ދިނުމަށްފަހު މުބާރާތުން ވަކިކުރީ ކުއްލިއަކަށްކަމަށެވެ. މައްސަލަ ފެންމަތިވުމުންވެސް އިތުރު މެޗެއް ކުޅެން ފުރުޞަތު ދިންކަމަށާއި، މައްސަލަ ދިމާވީ މުބާރާތުގެ ކުރިން ކުޅުންތެރިންގެ އައިޑީކާރޑްތަކުގެ ކޮޕީވެސް ހުށައަޅާފައިވަނިކޮށްކަން ސޮކަރވެޓަރެންސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ. 

މުބާރާތުން އެޓީމް ވަކިކުރި އިރު އެޓީމް ވަނީ ދެ މެޗު ކުޅެ، ދެ މެޗުން މޮޅުވެފައެވެ. މިކަމުގައި ކްލަބް މޯލްޑިވްސްގެ މައްސަލަ އުޅޭކަމަށް ކްލަބް މޯލްޑިވްސްއިން އިއުތރާފްވިކަމަށްވެސް ސޮކަރވެޓަރެންސް އެސޯސިއޭޝަނުން ބުނެއެވެ.

 ބޭރުގެ ތިން އެކަޑަމީއެއް ހިމެނޭ ގޮތަށް އެކަޑަމީ ތަކުގެ މެދުގައި ތިންދުވަހަށް ކުރިޔަށްގެންދާ  ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރަނީ ކުލަބް މޯލްޑިވިސް އާއި ހުޅުމާލޭ ސްޕޯޓްސް ސުކޫލް ގުޅިގެންނެވެ.