ޚަބަރު

"މި ޤައުމުގައި ވަކި މީހަކަށް ވަކި ރަށަކަށް ވަކި ގޮތެއް ނޯންނާނެ"


މުޅި ރާއްޖެއަކީ އެއް ރާއްޖެއެއްކަމަށާ، ދެދަރަޖައެއްގެ ދިވެހިން ރާއްޖޭގައި ނޫޅޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީ.ޕީ.އެމް އިން ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް ބަޖެޓް ކަނޑައަޅުއްވައިގެން މަސައްކަތްތައް ކުރިއަށްގެންދަވަނީ ވަކި ތަނަކަށް ވަކި ރަށަކަށް ޚާއްސަކުރައްވައިގެން ނޫންކަމަށެވެ. ރައީސް ވިދާޅުވީ، ކަންކަމަށް ފާޑުވިދާޅުވާ ބައެއް ފަރާތްތަކުން ތަޙްޒީބުވެފައިވާ މިފަދަ ޒަމާނެއްގައި ރާއްޖެތެރޭ މީހުންނޭ ކިޔާ ވާހަކަދައްކަވާތީ ހައިރާންވެވަޑައިގަންނަވާކަމަށާއި، ވަކި ރާއްޖެ ތެރެއެއް ނޯންނާނެކަމަށެވެ. އަދި ރާއްޖޭގެ އެންމެންނަކީވެސް އެކި ރަށްރަށަށް ނިސްބަތްވާ އެކި ރަށްރަށުގެ މީހުންކަމަށާ، އެންމެންނަކީވެސް ދިވެހި ރައްޔިތުންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، ކެބިނެޓްގެ މެޖޯރިޓީއަކީ ރަށްރަށަށް ނިސްބަތްވާ ވަޒީރުންކަން ފާހަގަކުރައްވާ، ވިދާޅުވީ ކޮންމެ ރަށެއްގެ މީހަކީވެސް ދިވެހި ރައްޔިތެއްކަމަށާއި، ކޮންމެ މީހަކަށްވެސް އެއްޙައްޤުތަކަކާއި، އެއް އިމްތިޔާޒްތަކެއް ލިބިގެންވާކަމަށެވެ. އަދި މި ޤައުމުގައި ވަކި މީހަކަށް ވަކި ރަށަކަށް ވަކި ގޮތެއް ނޯންނާނެކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބުނަން.. އަޅުގަނޑު ކުރިމަތީގައި ރާއްޖެއަކީ އެއް ރާއްޖެއެކޭ. މާލެއާ ރާއްޖޭތެރެ އެއް ނޯންނާނޭ. ކިތަންމެ ފަހަރަކު މިވާހަކަ ދެއްކިއްޖެ. އެހެންވީމަ ރާއްޖެތެރޭ މީހުން އެއީ އުޅޭ ބައެއް ނޫން. އެއީވެސް ހަމަ ދިވެހި ރައްޔިތުން. އަޅުގަނޑުގެ ވެރިކަމަމަކު ނޫން ދެދަރަޖައިގެ މީހުން އުޅޭކަމަކަށް ބުނެވިފައި އޮތީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މުޅި ރާއްޖޭގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާއި، ރައްޔިތުންގެ އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި އުސޫލުތަކަށް، ފާޑުވިދާޅުވާ ފަރާތްތަކުން ބަލައި ދިރާސާކޮށްފިނަމަ ފެންނަން ހުންނާނެކަމަށެވެ.