ރ. ދުވާފަރަކީ ކުޅިވަރަށް ލޯބިކުރާ، އަދި އަތޮޅު ފެންވަރާއި ޤައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ މުހިންމު ކާމިޔާބީތަކެއް ކުޅިވަރުގެ ރޮނގުން ހޯދަމުން އަންނަ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. މިއާއެކު ސަރުކާރުން އަންނަނީ އެރަށުގައި ޒަމާނީ ފެންވަރުގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެން ދުވާފަރުގައި ތަރައްޤީކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، މިތަން ފަރުމާކޮށްފައިވަނީ އައުޓْްޑޯ ފުޓްސަލް ދަނޑެއްގެ އިތުރުން ވޮލިބޯޅަ، ހޭންޑްބޯޅަ، ނެޓްބޯޅަ އަދި އެކި ކަހަލަ އިންޑޯ ކުޅިވަރުތައްވެސް އެއް ފުރާޅެއްގެ ދަށުން ކުޅެވޭނެ ސަރަޙައްދީ ހަބެއްގެ ގޮތުގައެވެ.
ދުވާފަރު ކައުންސިލުގެ ރައީސް އަޙުމަދު ޝާހު، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކުޅިވަރުގެ ދާއިރާއަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުން، ކުޅިވަރުގެ ރޮނގުން އެކިކަހަލަ މަޝްރޫއުތައް ދުވާފަރުގައި ހިންގަމުން އަންނަ ކަމަށްވެސް ޝާހު ފާހަކުރެއްވިއެވެ.
"އަޅުގަނޑުމެން މިނިސްޓްރީގައި އެދުނު އެދުމުގެ މަތިން މިހާރު މިވަނީ ދުވާފަރުގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކައުންސިލަށް ހަވާލުކުރައްވާފައި. މީގެ އިތުރަށްވެސް ދުވާފަރުގެ ބޮޑު ދަނޑުގެ، ދަންޑެހެލު ސްޓޭޑިއަމްގެ ލައިޓުތަކުގެ މައްސަލައަށްވެސް ވަނީ ހައްލެއް ގެނެސްދެއްވާފައި. އެހެންވީމަ އެކަމުންވެސް މިދޭހަވަނީ ސަރުކާރުން ޒުވާނުންނަށްޓަކައި ފަހިކޮށްދޭ ފުރުސަތު. އޭގެ އިތުރަށް މިހާރު އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މިވަނީ ނިމިފައި." ދުވާފަރު ކައުންސިލުގެ ރައީސް އަޙުމަދު ޝާހު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ އިތުރުން، ރަށުގެ ކުޅިވަރު ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ކައުންސިލްގެ ފަރާތުންވެސް އަންނަނީ ޢަމަލީގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކައުންސިލްގެ މި މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުތައްވެސް ހަލުވިކަމާއެކު ކުރިއަށްދެއެވެ.
"ފުޓްސަލް ދަނޑުގެ މަސައްކަތް ހަމަ ބާރު ސްޕީޑްގައި ނިންމާލެވޭތޯ އަޅުގަނޑުމެން މިދަނީ މިހާރު ކޮންޓްރެކްޓަރާއެކުވެސް މަސައްކަތް ކުރެވެމުން. ދެން އަޅުގަނޑުމެން މި ގޮތަށް ކުރިއަށްގެންދާ މަސައްކަތަކީ ދުވާފަރު ފުޓްސަލް ދަނޑުގެ ލައިޓުތަކުގެ މައްސަލަތަކަށްވެސް ހައްލު ހޯދުން. އެކަމަށްވެސް އަޅުގަނޑުމެން ހަމަ މަސައްކަތް މިކުރަނީ ޔޫތު މިނިސްޓްރީއާ ގުޅިގެން." ދުވާފަރު ކައުންސިލުގެ ރައީސް އަޙުމަދު ޝާހު ވިދާޅުވިއެވެ.
ރާއްޖޭގެ 6 ސަރަހައްދެއްގައި ސްޕޯޓްސް ކޮމްޕެލްސް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ދުވާފަރުގެ މި މަސައްކަތް ހަލުވި ދުވެއްޔެއްގައި ދަނީ ކުރިއަށެވެ.
މި މަސައްކަތް ނިމުމާއެކު މި ސްޕޯޓްސް ކޮމްޕެލްސް ވެގެންދާނީ ރަށުގެ ރައްޔިތުންނަށް ހަށިހެޔޮކަމުގެ ދާއިރާއިން އެތައް ގޮތަކުން މަންފާ ލިބިގެންދާނެ ވަސީލަތަކަށެވެ. އަދި އެރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރޮންގުން އިތުރު ކާމިޔާބީ ހޯދުމަށާއި، ކުޅިވަރުގެ ފަންނުވެރިން އުފެއްދުމަށްވެސް މި ސްޕޯޓްސް ކޮންޕްލެކްސްގެ ސަބަބުން މަގުފަހިވާނެއެވެ.