ޚަބަރު

އެތައް ސަތޭކަ ޖަރީމާއަކާ ގުޅޭ ހޯދުންތައް ޔަހޫދީން އަދިވެސް ހާމަނުކުރޭ


ޔަހޫދީ އަސްކަރިއްޔާއިން ބަޔަކު ޝަހީދުކޮށްލި ކަމަށް ނުވަތަ ޒަޚަމްކޮށްލި ކަމަށް ބުނުމުން އެ މައްސަލަ ތަހުޤީޤުކުރަމުންދާ ކަމަށް ޔަހޫދީން ބުނެފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ތަހުޤީޤުގެ ހޯދުންތައް ހާމަކޮށްފައި ނުވާ 254 މައްސަލައެއް، ބީބީސީ ވެރިފައިއިން ފާހަގަކޮށްފިއެވެ.

60،000އަށްވުރެ ގިނަ ޚަބަރު ދިރާސާކުރުމަށް ފަހު ބީބީސީ ވެރިފައިއިން ވަނީ ޔަހޫދީ އަސްކަރިއްޔާ، (އައިޑީއެފް)އިން ތަހުޤީޤުކުރަމުންދާ ކަމަށް ބުނެފައިވާ 300 މައްސަލައެއް ފާހަގަކޮށް، އޭގެ ތެރެއިން ތަހުޤީޤުގެ ހޯދުންތައް އާންމުކޮށްފައި ވަނީ އެންމެ 28 މައްސަލައެއްގައި ކަމަށް ބުނެފައެވެ. އެ 300 މައްސަލައިގެ ތެރޭގައި ޔަހޫދީންގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ލުބުނާންގައި ހިންގާފައިވާ ޖަރީމާތައް ހިމެނެއެވެ. 300 މައްސަލައިގެ ތެރެއިން 18 މައްސަލައެއް އޮތް ހިސާބު ސާފުނުވާ ކަމަށް ބީބީސީ ވެރިފައިއިން ބުނެއެވެ.

ތަހުޤީޤުގެ ނަތީޖާ އާންމުކޮށްފައި ނުވާ 254 ހާދިސާގެ ތެރެއިން 158 ހާދިސާއަކީ ޣައްޒާގައި ހިންގާފައިވާ ޖަރީމާތަކެކެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރިއާ ގުޅުންހުރި 48 މައްސަލައަކާއި ލުބުނާންއާ ގުޅުންހުރި 32 މައްސަލައާއި ހައްޔަރުކޮށްފައިވާ މީހުންނާ ގުޅޭ 16 މައްސަލަ ހިމެނެއެވެ. 254 މައްސަލައިގެ ތެރެއިން 200 މައްސަލައިގައި ބައެއްގެ މަރު ހިމެނެއެވެ. މި މައްސަލަތައް އެއްވެސް ވަރަކަށް ތަހުޤީޤުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.

މި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ 2023ވަނަ އަހަރުގެ މައްސަލަތެކެވެ. އަދި ބައެއް ކޭސްތަކަކީ ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައިވާ ހަމަލާތަކާ ގުޅުންހުރި މައްސަލަތަކެވެ. އޭގެ ތެރޭގައި ޣައްޒާގެ މަދަރުސާއަކަށް 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ދީފައިވާ ހަމަލާއެއް ހިމެނެއެވެ. އެ ހަމަލާގައި ޣައްޒާގެ 93 ރައްޔިތުން ޝަހީދުވެފައިވެއެވެ.

ޔަހޫދީން ވަނީ ދުނިޔޭގެ ސަމާލުކަމަށް އައި ފަސް މައްސަލައެއް ޖިނާޢީ މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އުމުރުން 5 އަހަރުގެ ހިންދް ރަޖަބު ރަހުމުކުޑަ ގޮތަކަށް ޝަހީދުކޮށްލި މައްސަލަ ހިމެނެއެވެ. އޭގެ އިތުރުން 100އަށްވުރެ ގިނަ ފަހަރު ބަޑިޖަހައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރެޑް ކްރެސެެންޓަށް ނިސްބަތްވާ 15 މުވައްޒަފުންގެ މަރުގެ މައްސަލަ ވެސް ހިމެނެއެވެ.