މިދިޔަ 30 މަސްދުވަހުގެ ތެރޭގައި އެކަނިވެސް ބޭންކް އޮފް މޯލްޑިވްސްއިން އެކިއެކި ބޭނުންތަކަށް ގާތްގަނޑަކަށް 2 ބިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އަހާ ފޯރަމްގައި ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ރާއްޖޭގައި ޑޮލަރަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާދިފަހުން އެމްއެމްއޭގެ އެކްސްޗޭންޖް ޤާނޫނަށް ބަދަލުތަކެއް ގެނެސް %20 ގައި މާރުކުރާ ކުރުން %40 އަށް ބޮޑުކޮށްފައި ވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިމަހުގެ 25 އިން ފެށިގެން އެމްއެމްއޭއިން އެ ގެނައި ބަދަލާއި ގުޅިގެން އަންނަ ބަދަލު އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ޑޮލަރު %20 އަށް މާރުކުރަން ފެށިފަހުންވެސް އެކަށީގެންވާ ހެޔޮ ބަދަލެއް އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، 2022 ވަނަ އަހަރު ޓީޓީ ހެދުމަށް ބީއެމްއެލްއިން ރަސްމީ ރޭޓުގައި 130 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށެވެ. މިއަހަރުގެ މިހާތަނަށް 213 މިލިޔަން ޑޮލަރު ޓީޓީއަށް ރަސްމީ ރޭޓުގައި ދޫކޮށްފައިވާކަމަށެވެ. 2023 ވަނަ އަހަރު ދޫކޮށްފައިވަނީ 122 މިލިޔަން ޑޮލަރުކަމަށް ވަޒީރު ވިދާޅުވިއެވެ. މަހަކަށް ބަލާނަމަ މީގެކުރިން ޓީޓީ ހެދުމަށް ގާތްގަނޑަކަށް ދޫކުރަނީ 10 މިލިޔަން އެމެރިކާ ޑޮލަރުކަމަށާއި ނަމަވެސް މިހާރު 27 މިލިޔަން ޑޮލަރު މަހަކަށް ދޫކުރަމުންދާކަމަށެވެ.
އެކިއެކި ކާޑުގެ ޓްރާންސެކްޝަންއަށް ބަލާއިރު 2022 ވަނަ އަހަރު ބީއެމްއެލްއިން 161 މިލިޔަން ޑޮލަރު ދޫކޮށްފައިވެއެވެ. މިއަހަރުގެ މިހާތަނަށް މި އަދަދު 304 މިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"2021 އިން 2026 އާއި ހަމައަށް ޖުމްލަ ބޭންކް މެދުވެރިކޮށް 3 ބިލިޔަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައި ހުރިއިރުގައި 2024 އިން ފެށިގެން މިދިޔަ ގާތްގަނޑަކަށް 30 މަސްދުވަހުގެ ތެރޭގައި އެކަނި ގާތަގަނޑަކަށް 2 ބިލިޔަން އެމެރިކާ ޑޮލަރު ދޫކޮށްފައި އެބަހުރި. މިއީ ގާތްގަނޑަކަށް ބަލައިފިކަމަށްވަންޏާ %63 އިތުރުވުމެއް ޓީޓީ ހެދުމުގައިވެސް އަދި ޑޮލަރު ރިކުއަޔަމަންޓަށް ބެލިއަސް." ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނާއި، ބޭސްފަރުވާއަށް އަދި ހައްޖާއި އުމްރާއަށް ފުރާ ދިވެހިންނަށްވެސް ރަސްމީ ރޭޓުގައި ބީއެމްއެލްއިން ދަނީ ޑޮލަރު ދޫކުރަމުންނެވެ. ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދެއްކުނު އެންމެ ބޮޑު ދަރަނި 1.4 ބިލިޔަން ޑޮލަރުގެ ދަރަންޏެއް މި ސަރުކާރުން ދައްކާފައިވާކަމަށެވެ.
ޑޮލަރުގެ މަސައްކަތުގެ ތެރޭގައި އެމްއެމްއޭއާ އެއްކޮށް ވަރަށް ގާތުން މަސައްކަތް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުން ޑޮލަރުގެ މައްސަލައަށް އެދެވިގެންދާ ބަދަލުތަކެއް އަންނަމުންދާކަން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ފާހަގަކުރައްވާފައެވެ.