އަޔަލެންޑްގެ ކޯޗިންގ ޓީމް މެމްބަރެއް ގަޔަށް އިޒްރޭލް ކުޅުންތެރިއަކު ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ, ގުޅުން އިތުރަށް ގޯސްވެއްޖެއެވެ.
ޔުއެފާ ނޭޝަންސް ލީގުގައި އަޔަލެންޑުން އިޒްރޭލާ ވާދަކުރަން ޖެހުމުން އެ ދެ މެޗު ބޮއިކޮޓު ކުރުމަށް ބައެއް ސަޕޯޓަރުންނާއި, ސިޔާސީ ފަރާތްތަކުން ގޮވާލަމުން ދަނިކޮށް ދެ ލެގުގެ މެޗު ކުޅުނީ އުނދަގޫ ހާލަތެއްގައެވެ. އުނދަގޫ ހާލަތުގައި ސަޕޯޓަރުން ނުވައްދާ ކުޅުނު ދެވަނަ ލެގުގައި ކުޅުނު ޖެހި މައްސަލައެއް ފެންމަތިވީ ހާފްޓައިމްގައެވެ. އަޔަލެންޑްގެ އެސިސްޓެންޓް ކޯޗު ޑޭމިއަން ޑޮއިލް ގަޔަށް ކުޅުނު ޖެހިކަމަށް ބުނާ މައްސަލަ ފެންމަތިވިޔަސް, އެކަމާ ގުޅޭ ސީދާ ޖަވާބެއް ދޭން ކޯޗު ހޭމިރް ހާލްގްރިމްސަން ވަނީ ދެކޮޅު ހަދާފައެވެ. އޭނާ ބުނީ އެކަން ހިނގާދިޔަ އިރު އެތަނުގައި ހުރިނަމަވެސް އެކަމާ ގުޅޭގޮތުން ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ. އެއީ އެމައްސަލަ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެތީކަމަށް އޭނާ ބުންޏެވެ.
އިޒްރޭލުގެ ކޯޗު ރަން ބެން-ޝިމޯން ބުނީ އޭނާއަށް އެމަންޒަރު ނުފެންނަ ކަމަށެވެ. އެކަމެއް ހިނގިކަމަށް ބުނާ ވަގުތު އޭނާ ހުރީ ޑްރެސިންގ ރޫމްގައި ކަމަށް އިޒްރޭލު ކޯޗު ބުންޏެވެ. އެކަމަކު އެކަން ބެލުމަށްފަހު ނޫސްވެރިންނަށް ޖަވާބު ދޭނެކަމަށް ބުންޏެވެ.
އަޔަލެންޑަކީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ އެންމެ ބޮޑަށް ދެކޮޅު ހަދާ ޔޫރަޕްގެ އެއް ގައުމެވެ. އެހެންކަމުން އިޒްރޭލާ ދެކޮޅަށް މެޗު ކުޅުންވީ ގައުމީ ޓީމަށް ވަރަށް ބޮޑު ޕްރެޝަރަކަށެވެ. މެޗު ކުޅެން ނިންމީވެސް ކުޅުންތެރިންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. އެއީ ޔުއެފާއިން ދީފާނެ އަދަބަކަށް ރިއާޔަތްކޮށެވެ.
އިޒްރޭލާ ދެކޮޅަށް އަޔަލެންޑުން ކުޅުނު ފުރަތަމަ ލެގު ސަޕޯޓަރުން ނުވައްދައި ކުޅުނީ ހަންގޭރީގައެވެ. އެމެޗު 3-0 އިން އަޔަލެންޑް ކާމިޔާބުކުރިއެވެ. އަޔަލެންޑުގެ ހޯމް މެޗުގެ ގޮތުގައި އޮތް ދެވަނަ ލެގު ސަޕޯޓަރުން ނުވައްދާ ކުޅުނީ ސާބިޔާގައެވެ.
އަޔަލެންޑްގެ ކޯޗު ބުނީ ސަޕޯޓަރުންނާ ނުލައި ކުޅުމުން ޕްރެޝަރ ކުޑަވިނަމަވެސް, މިދިޔަ ދުވަސްތަކުގައި ގައުމީ ޓީމުން އުފުލީ ވަރަށްބޮޑު ޕްރެޝަރެއް ކަމަށެވެ. އެފަދަ އުނދަގޫކަމެއް އެހެން ޓީމަކުން ތަހައްމަލުކުރަން ނޭދޭކަމަށް އޭނާ ބުންޏެވެ. އުނދަގޫ ޕްރެޝަރަށް ނިމުން އައުމުން އުފާކުރާކަމަށްވެސް ކޯޗު ބުންޏެވެ. ކޯޗު ވަނީ އުނދަގޫ ވަގުތުގައި ކުޅުންތެރިން ދެއްކި ހިތްވަރަށްވެސް ތައުރީފްކޮށްފައެވެ.