ޚަބަރު

ދުންފަތާ ދުރުވެ، ރާއްޖެ ކުޅިވަރުގެ ރަން ޒަމާނަކަށް


  • ޤައުމީ އެތްލީޓުން ދުންފަތާ ދުރުކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް

  • މިސިޔާސަތާއެކު ދުޅަހެޔޮ ޒުވާނުންގެ އާބާދީއެއް އުފެދިގެންދާނެ

  • މިއާއެކު ކުޅިވަރުގެ ކާމިޔާބު ރަންޒަމާނަކަށް ޤައުމު ދަތުރުކުރާނެ

ޤައުމީ ޓީމުތަކުގެ އެތްލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ބިންގާ އެޅިގެންދިޔަ ސިޔާސަތާއެކު ރާއްޖޭގެ ކުޅިވަރުގެ މައިދާނަށް ތާރީޚި ހެޔޮބަދަލެއް އަންނާނެކަމުގެ ކުލަވަރު ފެންނަންފަށައިފިއެވެ. މިއީ ހަމައެކަނި ކުޅިވަރުގެ ސިޔާސަތެއްވެސް ނޫނެވެ. މިއީ އެތައް ޒަމާނަކަށް ދިގުދެމިގެންދާނެ މަންފާކުރުވަނިވި މުހިންމު ޤައުމީ މަސައްކަތެއްވެސްމެއެވެ.

ރާއްޖޭގެ އާބާދީއަކީ ދުޅަހެޔޮ، ގައިންގަޔަށް ނާރާ ބަލިތަކާ ދުރު އާބާދީއަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކަށްވާއިރު، އެއަމާޒަށް ވާސިލްވުމަށްޓަކައި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" މިދިޔަ އަހަރުގެ ފަހުކޮޅުވަނީ ތަސްދީގުކުރައްވާފައެވެ. އެއާއެކު، 2007 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހުންފެށިގެން އުފަންވެފައިވާ އަދި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މިވަނީ ޤާނޫނުން މަނާވެގެންގޮސްފައެވެ.

މިސިޔާސަތުގެ ދަށުން ރާއްޖޭގެ އާބާދީގައި ހިމެނޭ ޒުވާނުންގެ ތެރެއިން އެންމެ ތާޒާ އުމުރުފުރާގެ ކުދިންނަކީ ދުންފަތުން ރައްކާތެރިވެފައިވާ ބަޔަކަށްވެގެންދާނެއެވެ. 20 އަހަރުވެސް ނުފުރޭ ނޫކަށިފުރައިގެ މިކުދިންނަކީ ރާއްޖޭގެ ކުރިމަގުކަމަށްވާއިރު، އަގުނުކުރެވޭނެ މިރައުސުލްމާލަށް ރައްކާތެރިވެވޭނީ މިކުދިންނަކީ ދުޅަހެޔޮ ސިއްހަތެއްގެ ވެރިބަޔަކަށް ހެދިގެންނެވެ.

ދިވެހިންނަކީ ފެށުނީންސުރެ ކުޅިވަރަށް ލޯބިކުރާ ބައެކެވެ. ދުނިޔޭގައި ފާހަގަކޮށްލެވޭ މޮޅެތި އެތްލީޓުންގެ ސްޓައިލްތަކާއި ކުޅުމުގެ ވައްޓަފާޅި ދަސްކޮށް، އެފަދަ ހުނަރުވެރި ބަޔަކަށް ވުމުގެ ހުވަފެންތައް ދެކެމުންދާ ބައެކެވެ. ޒަމާނީ ތަރައްޤީއާއެކު ކުޅިވަރުގެ ދާއިރާވެސް މިހާރު ކުރިއަރަމުން އަންނައިރު، އެކަޑަމީތަކުންނާއި ވައިޑީޕީ ހަރަކާތްތަކުން ހުނަރުވެރި ކުޅުންތެރިން އަންނަނީ އުފެދެމުންނެވެ. ގްރާސްރޫޓް މަރުހަލާއިން އުފެދުނު ފުރާވަރު އުމުރުފުރާގެ ކުޅުންތެރިން ސީނިއާ ޤައުމީ ޓީމުތަކުން ފުރުސަތު ހޯދާ، ތަޖުރިބާކާރު ކުޅުންތެރިންނާ އެއްސަފެއްގައި އެތުރިއްޖެއެވެ.

ޒުވާން ކުޅުންތެރިންނަކީ ދިވެހިންގެ ޝަރަފާއި ފަޚުރަށްވެފައިވާއިރު، ދިވެހި ދިދަ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ވިހުރާލަން ތިބީ މިކުދިންނެވެ. އަދުގެ ޒުވާނުންނަކީ ދުންފަތާ ދުރު، ސިއްހީގޮތުން ދުޅަހެޔޮބަޔަކަށްވުމަކީ އަންނަންއޮތް ޖީލުތަކަށްވެސް ލިބިގެންދާނެ ހިތްވަރަކަށްވާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ ކުޅުންތެރިންގެ ފުއްޕާމޭގެ ކެޕޭސިޓީ ދަށްވެ، ހިތުގެ ދުޅަހެޔޮކަން ގެއްލި، ކާމިޔާބީ ހޯދުމަށް ހުރަސްތައް ކުރިމަތިވެއެވެ. ކުޅިވަރުގައި ކާމިޔާބު މީހަކަށްވެ، ދާއިމީގޮތެއްގައި ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންނަމަ ދުންފަތަށް ނޫނެކޭ ބުނަން އެބަޖެހެއެވެ.

ޤައުމީ ކުޅުންތެރިންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން، ދިގު މުއްދަތުގެ ފައިދާއެއް ހަމައެކަނި ކުރާނީ ކުޅިވަރަށް އެކަންޏެއް ނޫނެވެ.

ދިވެހި ޒުވާނުންނަށް ޤައުމީ ތަރިންނަކީ ނަމޫނާ ބަޔަކަށްވާއިރު، ޤައުމީ ޝަރަފާ ގުޅިފައިވާ ކުޅުންތެރިން ދުންފަތާ ދުރުވުމުން، އެކަމުން ހިތްވަރު ހޯދާ އިތުރު ޒުވާނުންތަކެއްވެސް ދުންފަތާ ދުރުހެލިވުމަކީ ދުރު ކަމެއް ނޫނެވެ. ޔަގީންވާކަމަކީ މިސިޔާސަތާއެކު، ދިވެހި ކުޅިވަރުގެ ރަންޒަމާނެއް ފެށޭނެކަމެވެ. އަދި އެޒަމާނަށް ޤައުމު ދަތުރުކުރާނީ ދުންފަތުގެ ދުމުން ރައްކާތެރިވެފައިވާ، ސިއްހަތު ރަނގަޅު ދުޅަހެޔޮ ޖީލެއް ނިސްބަތްވާ ޤައުމެއްގެ ޝަރަފާއެކީގައެވެ.