ޚަބަރު

އޭޝިއަން ގޭމްސްއަށް ޤައުމީ ޓީޓީ ޓީމުގެ 8 ކުޅުންތެރިން


  • އޭޝިއަން ގޭމްސްގައި ޓީޓީއިން 4 އަންހެން އަދި 4 ފިރިހެން ކުޅުންތެރިން ވާދަކުރާނެ

  • ދީމާ އަދި އަޚްޔަރު މުބާރާތަށްދާނީ މެލޭޝިޔާއިން

  • ރަފާ ޓީމާ ގުޅުމަށް ދާނީ ޔޫކޭއިން

އަންނަމަހުގެ 19 އިން އޮކްޓޯބަރުމަހުގެ 4 އަށް ޖަޕާނުގެ އައިޗީ އަދި ނަގޯޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގައި ޤައުމީ ޓޭބަލްޓެނިސް ޓީމުން 8 ކުޅުންތެރިން ވާދަކުރާނެކަމަށް ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މުބާރާތުގެ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޓީޓީ އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ވާދަކުރާ ޤައުމީ ސްކޮޑުން 8 ކުޅުންތެރިން ޖާގަ ހޯދާފައިވާކަމަށެވެ. އެގޮތުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދަނީ މިއަހަރުގެ ޖުލައި ފަހުކޮޅު ޓީމާ ގުޅުނު ނައިޖީރިއާގެ ތަޖުރިބާކާރު ކޯޗް އޮމިނިޔި އަޑެޑޮޓުންގެ އިރުޝާދުގެ ދަށުންކަމަށެވެ.

އައިޗީ އަދި ނަގޯޔާ 2026 ގައި ވާދަކުރާ ޤައުމީ ސްކޮޑުން ޖާގަ ހޯދާފައިވާ ކުޅުންތެރިންނަކީ މުހައްމަދު ޝައްފާން އިސްމާއިލް، މޫސާ މުންސިފް އަހްމަދު، އަޚްޔާރް އަހްމަދު ޚާލިދް އަދި މުހައްމަދު ޚަލަފް ރާފިޢުއެވެ. މީގެ އިތުރުން ޤައުމީ ސްކޮޑުން 4 އަންހެން ކުޅުންތެރިންވެސް ޖާގަ ހޯދާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އާއިޝަތު ރަފާ ނާޒިމް، އާއިޝަތު އަލްސާ ނާޒިމްގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހިމްއެވެ.

ޤައުމީ ސްކޮޑުގެ މުހިންމު ކުޅުންތެރިއެއްކަމަށްވާ ރަފާވެސް ރާއްޖެ އައިސް ޤައުމީ ޓީމާއެކު ފަރިތަކުރާތާ މަހެއްހާ ދުވަސްވެއްޖެއެވެ. މަތީތަޢުލީމް ހާސިލްކުރުމަށް ޔޫކޭގައި ދިރިއުޅެމުން އަންނަ ރަފާ މުބާރާތުގެ ކުރިން ޔޫކޭއަށް އަނބުރާ ގޮސް، މުބާރާތަށް ފުރާނީ އެކޮޅުންކަމަށްވަނީ ޕީއެސްއެމް ނިއުސްއަށްވަނީ މައުލޫމާތުދީފައެވެ.

އަދި މެލޭޝިއާގައި ކިޔަވަމުން އަންނަ ދީމާއާއި އަޚްޔަރުވެސް ޤައުމީ ޓީމާ ގުޅޭނީ މެލޭޝިއާ މަގުން ޖަޕާނަށް ގޮސްކަމަށާ ޓީމުގެ ބާކީ ތިބި ކުޅުންތެރިން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ އެކީގައިކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެފަވެއެވެ.

މުބާރާތުގައި ވާދަކުރުމަށް ޤައުމީ ޓީޓީ ޓީމު ޖަޕާނަށް ފުރާނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ.