ޚަބަރު

އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް


ޤައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ހަވީރަކީ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާއި ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާއާއި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ކުޑަކުދިން އަހުލުވެރިކުރުވައި، ޒުވާން ޖީލުގެ މެދުގައި މި ދާއިރާއަށް ހުރި ޝައުޤުވެރިކަން އިތުރުކުރުމެވެ.

ކުޑަކުދިންގެ ހަވީރާ ގުޅޭގޮތުން ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މި ދާއިރާއަށް ވަންނަ މީހުންގެ އަދަދު އިތުރުކުރުން ކަމަށެވެ.

"މި ފެއަރގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގައި މިހާރު އަލަށް ތައުލީމު ހާސިލްކުރާ، މަތީ ސާނަވީ ކިޔަވާފައި ނިކުންނަ ކުދިންގެ ތެރެއިން ވަރަށް މަދު ކުދިންތަކެއް އިންކިނިއަރިންގގެ ޝައުގުވެރިވެގެން ކިޔަވަނީ. އެހެންވެ، ސަރުކާރުން އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ވަރަށް ބޮޑު މަޤްސަދެއް މިކަމަށް ޝައުޤުވެރިކަން އުފެއްދުމާއެކު ކިޔަވާ ދަރިވަރުންނަށް މި ދާއިރާއިން ކުރިއަށް ދާން ހިތްވަރު ދިނުން." ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މިހަރަކާތްތަކުގައި އިންޖިނިއަރިންގ ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚާއްޞަ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. އެކި އުމުރުފުރާތަކުގެ ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި ހަވީރަކީ ކުޑަކުދިންނަށް ކުޅިވަރުތަކުގައި ބައިވެރިވެ ހަދިޔާވެސް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ހަވީރެކެވެ.

މި ސްޓޯލްތަކުން އިންޖިނިއަރިންގއާ ގުޅުންހުރި ތަފާތު ޢިލްމީ އަދި ތަފާތު ހަރަކާތްތައް އަމަލީގޮތުން ތަޖުރިބާކޮށް، އެ މުއައްސަސާތަކުގެ އިންޖިނިއަރުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ކުޑަކުދިންނަށާއި ޢާންމު ރައްޔިތުންނަށް ލިބިގެން ދިޔައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އާއިލާތަކުން ކުޑަކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ތަފާތު ގޮތަކަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ފައިކޮށްފައިވެއެވެ.

އިންޖިނޭރުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓު މަހުގެ 30ވަނަ ދުވަހުއެވެ. މާދަމާ ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ހަވީރު ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ހަވީރުގެ ހަރަކާތްތައް މިރޭ 21:00އާ ހަމައަށް ކުރިއަށްގެންދިއުމަށްވެސް ވަނީ ނިންމާފައެވެ. މި ހަރަކާތަށް ކުޑަކުދިންނާއި އާންމުފަރާތްތަކުގެ ބޮޑު ތަރުޙީބެއް ވަނ ލިބިފައެވެ.

މި ކުޑަކުދިންގެ ހަވީރުގެ ހަރަކާތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.