ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުން ނިމުމަމަށް ގެންނަން ނިންމައިފި އެވެ.
މި ގޮތަށް ނިންމާނެ ކަމަށް ބެލެވިފައިވަނީ ވޯލްޑް ކަޕާއި ފީފާގެ މުބާރާތްތަކުގެ ހިއްސާ އެހެން ބަޔަކަށް ވިއްކާލަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅި ޕްލޭން އަލުން މުތާލިއާ ނުކުރާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ގުރު ނެގުމުގެ ރަސްމިއްޔާތަށް ޔޫރަޕުގެ ގައުމުތަކުގެ ފުޓްބޯޅައިގެ ވެރިން މިވަގުތު ތިއްބެވީ ފްރާންސްގެ މޮކާނޯގަ އެވެ. އަދި މިއަދު ބާއްވާ ބައްދަލުވުމުގައި ބޮއިކޮޓް ނިމުމަކަށް ގެންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އެ ޖަމާއަތުން ބުނީ ކުރިއަށް އޮތް ފީފާގެ 20 އަހަރުން ދަށުގެ މުބާރާތަށް ޔޫރަޕުގެ ހަ ގައުމެއް ކޮލިފައިވެފައިވާއިރު އެ މުބާރާތް ކުޅުމުގެ ފުރުސަތު ގެއްލުވާލުމަކީ ވެސް މުހންމު ކަމެއް ކަމަށެވެ.
ފީފާއިން ވެސް ވަނީ މި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. ފީފާގެ ބަޔާނުގައި ބުނެފައިވަނީ މިކަމުން ދޭހަ ކޮށްދެނީ ފުޓްބޯޅައަކީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެކުވެރިވެވޭނެ ބައެއް ކަމެވެ.
ނަމަވެސް ފީފާގެ ރައީސް ކަމަށް އިންފަންޓީނޯ އިންތިހާބު ކުރުމާ ޔޫރަޕުން އަދިވެސް ދެކޮޅެވެ. އަންނަ މާޗު މަހު އޮންނަ ފީފާގެ އިންތިހާބަށް އޭނާ ކުރިމަތި ލެއްވި ނަމަވެސް ޔޫރަޕާއި ކޮންކާކަފް އަދި އޭޝިޔާގެ ބައެއް ގައުމުތަކުން ތާއީދު ނުކުރާނެ އެވެ. އެންމެ ފަހުން މި ލިސްޓަށް އިތުރުވި ގައުމަކީ އިޓަލީ އެވެ. މިއާއެކު އިންފަންޓީނޯ އަށް ހަތަރު ވަނަ ދައުރެއް ކަށަވަރު ކުރަން ގިނަ ހުރަސްތަކެއް ކުރިމަތިވާނެ އެވެ. މިހާތަނަށް އޭނާ އަށް ހިފެހެއްޓުމެއް ނެތި ތާއީދު ކުރުމުގައި ދެމިތިބި ހަމައެކަނި ބަޔަކީ އެފްރިކާގެ ގައުމުތަކެވެ.
އިންފަންޓީނޯއާ ދެކޮޅަށް ގިނަ ގައުމުތަކުން ނުކުތީ ފީފާގެ މުބާރާތްތައް ހާއްސަކޮށް ވޯލްޑް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އެ ކުންފުނީގެ 20 ޕަސެންޓް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ވިއްކާލަން ނިންމުމުންނެވެ. އަދި މިކަމަށް އެއްބަސްވާ ގައުމުތަކަށް އަހަރަކު 40 މިލިއަން ޑޮލަރު ދޭން ވެސް އިންފަންޓީނޯ ނިންމި އެވެ. ނަމަވެސް އޭނާގެ މި ނިންމުމަކީ ފީފާގެ އެއްވެސް މީހަކާ މަޝްވަރާ ނުކޮށް އަމިއްލަ އަށް ނިންމު ނިންމުމަކަށްވާތީވެ ގައުމުތަކުން ނުރހުން އަމާޒުވާން ފެށުމުން އިންފަންޓީނޯ ވަނީ މައާފަށް ވެސް އެދިފަ އެވެ. ނަމަވެސް ޔޫރަޕާއި ކޮންކާކަފުން ވަނީ އޭނާގެ ވާހަކަތައް ބަލައި ނުގަންނާނެ ކަމަށާއި ދެން އިތުބާރު ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.