ޤައުމުތަކުގެ ސުލްހަ އާއި ހަމަޖެހުމަށް ޤާނޫނުހަދާ މަޖިލީހުން މުހިންމު ދައުރެއް އަދާކުރާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ، ކެމްބޯޑިއާގެ ނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގެ ޢާންމު ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އެ ބަޙުސްގައި، "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމަށެވެ. އެ މަނިކުފާނުވަނީ، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމަށާއި، މަޝްވަރާކުރުން އިސްކުރުމަށް ގޮވާލައްވާފައެވެ.
ޞުލްޙަ ޤާއިމުކުރުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ޕާލިމެންޓަރީ ޑިޕްލޮމަސީގެ ސަބަބުން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިވެ، މަޝްވަރާ ކުރުމަށް ފުރުޞުތު ލިބިގެންދާ ކަމަށެވެ. އަދި، ހަމަނުޖެހުމާއި އަނިޔާވެރިކަމުގެ ބަދަލުގައި، އަބަދުވެސް އިސްކަންދޭންވާނީ މަޝްވަރާއާއި އެއްބާރުލުން ދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ހަމަނުޖެހުންތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރުމަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިން އަލުން ޢަޒުމް ކަނޑައެޅުއްވުމަށް މަޖިލީހުގެ ރައީސް އިލްތިމާސްކުރެއްވިއެވެ.
"ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކޮށް، ބާރުގެ ބަދަލުގައި ހަރުދަނާ ޤާނޫނުތައް ހަދާ އަދި ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކުރުން މުހިންމު. ޞުލްޙައާއި، ހަމަޖެހުމާއި، އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުން މުހިންމު." މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.
ޔުނައިޓެޑް ނޭޝަންސް ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ދުނިޔޭގެ ޞުލްޙައާއި އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި އަސާސްތަކެއްކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތާއި، ރައްކާތެރިކަން ކަށަވަރުކުރުމުގައި މި އަސާސްތަކަކީ މުހިންމު އަސާސްތަކެއްކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކެމްބޯޑިއާއިން ދާޚިލީ ހަނގުރާމައަށްފަހު ޞުލްޙަ ޤާއިމުކުރުމުގައި ހޯދި ކާމިޔާބީއަށް އަލިއަޅުއްވާލެއްވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ކެމްބޯޑިއާގެ ތަޖުރިބާއިން ދައްކައިދެނީ ކިތަންމެ ބޮޑު ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، ވަރުގަދަ ލީޑަރޝިޕަކާއި، ޢަޒުމަކާއި، ޞުލްޙަވުމުގެ ރޫހެއް އޮވެއްޖެނަމަ، އެކަންކަމުން އަރައިގަނެވޭނެކަމުގެ މިސާލުކަމަށެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ތިމާވެށީގެ ރައްކާތެރިކަމާއި ޞުލްޙަ މަސަލަސްކަމާ ހުރި ގުޅުމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ފަރުތައް ހަލާކުވުމާއި، ކަނޑުތައް ތަޣައްޔަރުވުމުގެ އިތުރުން މޫސުމީ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުން ނޫން ކަމަށާއި، އެއީ ޞުލްޙަވެރިކަމާއި، ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި، މި ސަރަޙައްދަށް އިންޑިއާ ކަނޑުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
"މިއީ ވިޔަފާރިއާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން އެކި ދާއިރާތަކުން މީހުންގެ ދިރިއުޅުމާ ގުޅިފައިވާ މައި ނާރު. އަދި، އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ މާޙައުލު ރައްކާތެރިކޮށް، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަމުގެ ޔަޤީންކަންއަރުވަން." މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި، އެ ސަރަޙައްދުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި، ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައިވެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހުރިހާ ރައްޔިތުންގެ ޙައްޤުތަކަށް ކަށަވަރުކުރެވޭ ފަދަ އިންޞާފުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް މަސައްކަތްވެސް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.