ކުޅިވަރު

ބާސެލޯނާއިން އަލްވަރޭޒް ގަންނަން އުޅުނީ ރަނގަޅަށް، މައްސަލަ ފީފާ އަށް؟


އެތްލެޓިކޯ މެޑްރިޑަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް ގަތުމަށް މަސައްކަތް ކުރީ ރީތި ގޮތުގައި ކަމަށް ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓް ވިދާޅުވެއްޖެ އެވެ.

މައްސަލަ ބޮޑުވެފައިވާ ޓްރާންސްފާގެ މައްސަލާގައި ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ ޖުލައި މަހު އަލްވަރޭޒް ގަތުމަށް ބާސެލޯނާއިން އެންމެ ފުރަތަމަ މަޝްވަރާ ކުރީ ވެސް އެތްލެޓިކޯ މެޑްރިޑާ ކަމަށެވެ. މި ގޮތުން 100 މިލިއަންގެ ބިޑެއް ހުށަހަޅައި އެތްލެޓިކޯގެ ސީއޯއީ ސެރޭޒޯ ޖިލް މަރިންއާ ވެސް މަޝްވަރާ ކުރި ކަމަށެވެ.

"އޭނާ ވިދާޅުވީ ތިމަންނަމެންނަށް އަލްވަރޭގެ ރީޕްލޭސްމަންޓެއް ނެތޭ. މިހެންވެ އޭނާ ވިއްކުމުގެ ވިސްނުމެއްނެތޭ. މި ނިންމުމަށް ބާސެލޯނާއިން ފުރިހަމަ އަށް އިހްތިރާމް ކުރަން. އަދި މިހާތަނަށް ވެސް އައީ އެތްލެޓިކޯ އާއި އެކުލަބުގެ ވެރިންނަށް ވެސް ފުރިހަމަ އަށް އިހްތިރާމް ކުރަމުން. އެކަމަކު އަހަރުމެން އަލްވަރޭޒް ގަތުމަށް އަލުން ޝައުގުވެރިވީ އެހެން ކުލަބުތަކަށް އޭނާ ވިއްކާލަން އެތްލެޓިކޯއިން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބުމުން،" ލަޕޯޓާ ވިދާޅުވި އެވެ.

އެތްލެޓިކޯއިން 25 އަހަރުގެ ފޯވަޑް ވިއްކާނަމަ އޭނާ ގަތުމަށް ބާސެލޯނާ އަދިވެސް އޮތީ ތައްޔާރަށް ކަމަށް ވެސް ލަޕޯޓާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލާގައި އެތްލެޓިކޯ ތުހުމަތު ކުރަނީ އަލްވަރޭޒް ކުލަބު ބަދަލު ކުރަން ހިޔާލު ދިނީ ބާސެލޯނާއިން ކަމަށެވެ. ލަޕޯޓާގެ ވާހަކަތަކަށް ފަހު އެ ކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުލަބުގެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އަލްވަރޭޒް ބާސެލޯނާ އަށް ވިއްކާލުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ނެތް ކަމަށެވެ.

"އެމީހުން (ބާސެލޯނާގެ ނަން ބޭނުން ނުކޮށް) ވަނީ އަހަރުމެން މާލީ ގޮތުން. އިޖްތިމާއީ ގޮތުން އަދި އެނޫން ގޮތްގޮތުން ވެސް ދަށް ކޮށްލާފައި. ބާސެލޯނާ އަށް އޭނާ ވިއްކާލުމުގެ އޮތީ ސުން ޕަސެންޓް،" ބަޔާނުގައި ބުނެފައިވެ އެވެ.

އެތްލެޓިކޯއިން ވަނީ މި މައްސަލަ ފީފާ އަށް ވެސް ހުށަހަޅަން ތައްޔާރުވެފަ އެވެ. އެ ކުލަބުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރަން ނިންމާފައިވަނީ ލަޕޯޓާގެ އިންޓަވިއު އެވެ.

ވާދަވެރި ކުލަބަކަށްވާތީ އެތްލެޓިކޯއިން ބާސެލޯނާ އަށް ކުޅުންތެރިޔާ ވިއްކާލަން ބޭނުމެއް ނުވެ އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އާސެނަލް އާއި އިޓަލީގެ ޔުވެންޓަސް އަދި ފްރާންސްގެ ޕީއެސްޖީ އަށް އެނާ ވިއްކާލަން ތިބީ ތައްޔާރަށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކުރިއަށް ނުދަނީ ކުޅުންތެރިޔާ ދާން ބޭނުންވަނީ ބާސެލޯނާ އަށް އެކަނި ކަމަށްވާތީ އެވެ.

އަލްވަރޭޒް ވަނީ ބުދަ ދުވަހު އެތްލެޓިކޯގެ ޕްރެކްޓިސް ވެސް ކަޓުވާލައިފަ އެވެ. އޭނާ ބުނީ އުޅެނީ ބަލިވެ ކަމަށެވެ. އަދި އާސެނަލް އަށް ބަދަލުވާން އެތްލެޓިކޯއިން އޭނާ އަށް ބާރުއަޅަމުންދާ މައްސަލާގައި މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ ވަނީ އަމިއްލަ އަދި އާއިލީ ސަބަބުތަކަށްޓަކައި އަލުން އިނގިރޭސި ވިލާތަށް ދާން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

މީގެ ދެ އަހަރު ކުރިން އެތްލެޓިކޯ އަށް ބަދަލުވި އަލްވަރޭޒް އެކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމޭނީ 2030ގަ އެވެ.