ޚަބަރު

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމިއްޖެ


  • މި މަޝްރޫޢުގެ %63 ވަނީ ނިމިފައި

  • މިހާރު ކުރިއަށްދަނީ ބޭރުތޮށި ޖެހުމުގެ މަސައްކަތް

ރ. މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ހާމަކޮށްފިއެވެ. މި މަޝްރުޢޫގެ ދަށުން މިހާރު ކުރިއަށްދަނީ، ބޭރުތޮށި ޖެހުމުގެ މަސައްކަތެވެ.

މިއީ ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއިބެހޭ ވުޒާރާއިން، 26.67 މިލިއަން ރުފިޔާއަށް، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، އެއަހަރުގެ މެއި މަހެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ޖާގަ ތަނަވަސް ކުރުމާއި، ގިރާ ސަރަޙައްދުތައް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، ބަނދަރާއި ފަޅު ފުންކުރުމުގެ ތެރެއިން 39,658.55 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، 451 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހައި، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ އިތުރުން 1,962.18 އަކަމީޓަރުގެ ސަރަޙައްދެއްގައި ގައު އަތުރައި ބަނދަރު ތަރައްޤީކުރުން ހިމެނެއެވެ. މީގެއިތުރުން އުޅަނދުފަހަރު ކައިރިކުރުމަށް 150 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކުގެ އެއްގަމުތޮއްޓަކާއި، 125 މީޓަރުގެ ޖެޓީއެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެއްގަމުތޮށިލުމުގެ އިތުރުން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ފަޅަށް ވަދެ ނުކުމެ ހެދުމަށް ބޭނުންވާ ނެވިގޭޝަން ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެއެވެ. މީގެ ތެރޭގައި ބޭރުތޮއްޓާއި، ރިވެޓްމަންޓް އަދި ގްރޮއިން ޖެހުމުގެ މަސައްކަތުގެ އިތުރުން ރޭގަނޑު ދަތުރު ކުރާ އުޅަނދުފަހަރަށް މަގުދައްކައިދޭ ނެވިގޭޝަން ލައިޓުތައް ބެހެއްޓުންވެސް ހިމެނެއެވެ.

ބިނާރާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާއިބެހޭ ވުޒާރާއިން މައުލޫމާތުދެއްވާ ގޮތުގައި، މި މަޝްރުޢޫގެ ދަށުން މިހާރު ކުރިއަށްދަނީ، ބޭރުތޮށި ޖެހުމުގެ މަސައްކަތެވެ.

މި މަޝްރޫޢު އެކޮށް ނިމުމުން، ރަށުގެ ބަނދަރަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.