ކުޅިވަރު

އަލްވަރޭޒްގެ މައްސަލަ ހައްލު ކުރަން ފޯނު ކުރީ ބާސެލޯނާގެ ކުރީގެ ރައީސް


ބާސެލޯނާ އަށް ދާން ބޭނުންވެފައި ހުރި އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒްގެ މައްސަލަ ހައްލު ކުރަން ބާސެލޯނާގެ ފަރާތުން އެ ކުލަބުގެ ކުރީގެ ރައީސް ޖޯން ގަސްޕާޓް އެތްލްޓިކޯ މެޑްރިޑްގެ ސީއީއޯ އަށް ފޯނު ކޮށްފި އެވެ.

ނަމަވެސް މި މަޝްވަރާ އަށް ފަހު ގަސްޕާޓް ވިދާޅުވީ މިގުއެލް އެންޖެލް މަރިން ދެއްވީ ނާއުއްމީދީ ޖަވާބެއް ކަމަށެވެ.

"ބާސެލޯނާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އަހަރެން އޭނާއާ ވާހަކަ ދެއްކިން. އޭނާ އަހަރެން ގާތު ބުނީ ބާސެލޯނާ އާއި އަލްވަރޭޒްއާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވާނަމަ އަހަރެން ވަގުތު ބޭކާރު ނުކުރަން،" ކަމަށެވެ.

އަލްވަރޭޒް ބާސެލޯނާ އަށް ދޫކުރަން އެތްލެޓިކޯއިން ބޭނުމެއްނުވެ އެވެ. އެ ކުލަބުން ބޭނުންވަނީ ބާސެލޯނާ ނޫން ކުލަބަށް ހާއްސަކޮށް ސްޕޭން ނޫން ގައުމެއްގެ ކުލަބަކަށް އަލްވަރޭޒް ވިއްކާލާށެވެ. ނަމަވެސް މިކަން ނުވެގެން އުޅެނީ ކުޅުންތެރިޔާ ދާން ބޭނުންވަނީ ހަމައެކަނި ބާސެލޯނާ އަށް ކަމަށްވާތީ އެވެ.

މި މައްސަލާގައި އަލްވަރޭޒް އާއި އޭނާގެ ކުލަބާ ދެމެދު ވަނީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. ސްޕޭނުގެ މީޑިޔާތަކުން ބުނާ ގޮތުން އަލްވަރޭޒް ކުލަބުން ފޮނުވާލަން ސަޕޯޓަރުން ވެސް މިހާރު ބާރު އަޅަމުންދާތީވެ އެ ކުލަބުގެ ކޯޗާއި އިސްވެރިން ވަނީ އިއްޔެ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި ނިންމާފައިވަނީ 150 މިލިއަން ޔޫރޯ ދޭނަމަ އާސެނަލް އަށް ކުޅުންތެރިޔާ ވިއްކާލާށެވެ. ނަމަވެސް މި ބަދަލަށް ކުޅުންތެރިޔާ އެއްބަހެއްނުވެ އެވެ.

އާސެނަލްއިން އަލްވަރޭޒަށް ރަސްމީކޮށް ބިޑް ނުކޮށް ތިބީ ވެސް ކުޅުންތެރިޔާ މި ބަދަލު ބޭނުންނުވާތީ އެވެ.
ބާސެލޯނާއިން އޮތީ އަލްވަރޭޒް ދޫކުރަން އެތްލެޓިކޯ ބޭނުންވާނަމަ 100 މިލިއަނާއި 120 މިލިއަނާ ދެމެދުގެ އަދަދެއް ދޭ ގޮތަށެވެ.