ބަނގްލަދޭޝް ސަރުކާރުން ހަރަދު ކޮށްގެން ބްރެޒިލް ގައުމީ ޓީމު އެ ގައުމަށް ނުގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަމީނުލް ހައްގު ވިދާޅުވެއްޖެ އެވެ.
ބޮކްސިން ކޯޗުންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވުމަށް ފަހު އަމީނުލް ވިދާޅުވީ ބްރެޒިލްގެ ގައުމީ ޓީމު ގެނައުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށާއި އެ ވަރުގެ ހަރަދެއް ސަރުކާރުން ކުރަން ބޭނުން ނުވަނީ ގައުމުގެ ގިނަ ބަޔަކު އަސާސީ ހިދުމަތް ރަނގަޅަށް ނުލިބި ތިބުމުން ކަމަށެވެ.
"ކަރަންޓާއި ފެނާއި އެނޫން ވެސް މިފަދަ އަސާސީ ހިދުމަތް އެތައް ބަޔަކަށް ނުލިބި އެބަތިބި. އެހެންވީމާ ދެން ބޮޑު ހަރަދެއް ކޮށްގެން ބްރެޒިލްގެ ގައުމީ ޓީމު ގެނައުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން. ސަރުކާރުން އެކަމަށް އެންމެ ރުފިޔާ އެއް ވެސް ހަރަދެއް ނުކުރާނެ. އޭގެ އަނެއް ސަބަބަކީ މި މެޗު ކުޅެގެން ބަނގަލްދޭޝްގެ ފުޓްބޯޅަ އަށް އަންނާނެ ބަދަލެއް ނެތުމުން،" ކުރީގެ ގައުމީ ކީޕަރު ވިދާޅުވި އެވެ.
އަމީނުލް ވިދާޅުވީ ބަނގްލަދޭޝްގައި ބްރެޒިލަށް ތާއީދު ކުރާ އެތައް ބަޔަކު އެބަތިބި ކަމަށާއި ބްރެޒިލްގެ ގައުމީ ޓީމު އެ ގައުމަށް އައިސް މެޗެއް ކުޅުމުން އެ ސަޕޯޓަރުން އުފާކުރާނެ ކަމަށެވެ. އަދި މިއީ ހަޔާތުގައި މަދުން ނޫނީ ކުޅުންތެރިންނަށް ވެސް ނުލިބޭނެ ފުރުސަތެއް ކަމަށާއި ނަމަވެސް ސަރުކާރުން މިކަމަށް ފައިސާ ހޭދަކުރުމެއް ނެތް ކަމަށެވެ.
"މި މެޗު ކުޅެވިދާނެ. އެކަމަކު މި މެޗުން ބަނގްލަދޭޝްގެ ފުޓްބޯޅަ އަށް އަންނާނެ ކުރިއެރުމެއްނެތް. އެކަމަކު ސަޕޯޓަރުންނަށް މިއީ ވަރަށް ރަނގަޅު މެޗަކަށް ވެދާނެ. އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށްވާނެ މި މެޗު،" އަމީނުލް ވިދާޅުވި އެވެ.
ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމު ބަނގްލަދޭޝް އަށް ގެންދިއުމަށް ދެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ހުކުރު ދުވަހު ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި ރާވަމުން ދަނީ އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އިންޑިޔާގައި ބްރެޒިލް ކުޅޭ މެޗުގެ ކުރިން ނުވަތަ ފަހުން ބަނގްލަދޭޝްގައި މެޗެއް ނުވަތަ ޕްރެކްޓިސް ސެޝަނެއް ކުރިއަށް ގެންދިއުމަށެވެ. އަދި މިއީ ވުން ގާތްކަމެއް ކަމަށް ވެސް ބަނގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފަ އެވެ.
މި ގޮތުން އިންޑިޔާ އަށް ދިޔަ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ އިންސްޕެކްޝަން ޓީމު ވަނީ ޑާކާ އަށް ގޮސް ބަނގްލަދޭޝްގެ ހޮޓާތަކާއި ދަނޑުތަކާއި ޗޭންޖިން ރޫމުތަކާއި އަދި ބަޝުންދުރަ ކިންގްސްގެ ވަސީލަތްތައް ބަލައިފަ އެވެ.
އޭނާ ވިދާޅުވީ ބްރެޒިލްގެ ވަފުދުން ބަނގްލަދޭޝްގެ ފުޓްބޯޅައިގެ ވަސީލަތްތައް އިތުރަށް ފުރިހަމަ ކުރަން ބޭނުންވާ ކަމަށެވެ. މި ގޮތުން ސްޓޭޑިއަމުގެ ގޭޓާއި ކުޅިބަލާ ތަންތަނާއި ހާއްސަކޮށް ޗޭންޖިން ރޫމްތައް އިތުރަސް ތަރައްގީ ކުރަން ބޭނުންވާ ކަމަށާއި މެޗުގެ ކުރިން މިކަން ހައްލު ކުރަން ވަގުތު އެބައޮތް ކަމަށެވެ.