2028 ވަނަ އަހަރު މާލެ ސަރަހައްދުގައި އުޅޭ ގިނަ މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ އަޑު" ސިލްސިލާގެ ދެވަނަ އެޕިސޯޑްގައި ރައީސާއި ބައްދަލުކުރި މީހުންވެސް ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިތައް ހިމެނެއެވެ.
ރައީސާއި ބައްދަލުކުރި ބައެއް ރައްޔިތުން ވަނީ މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުން އައިކަމުގައިވީނަމަވެސް މިއަދާ ހަމައަށް އައިރުވެސް އަމިއްލަ ބޯހިޔާވަހިކަން ނެތްކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި ބައެއް މީހުން ވަނީ އެމީހުންނަކީ ވަރަށް ކުރިން މާލެއަށް ބަދަލުވެފައި ތިބި މީހުންކަމަށްވުމުން ރާއްޖޭގެ އެހެން ހިސާބަކުންވެސް އަމިއްލަ ގޯއްޗެއް ނެތްކަން ފާހަގަކޮށްފައެވެ. މީގެއިތުރުން އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުން ބޮޑު ކުލީގައި އުޅެންޖެހުމާއި އެއްތަނުން އަނެއްތަނަށް ބަދަލުވުމުގެ ކަންބޮޑުވުންވެސް ރައީސާއި ހިއްސާކުރެއްވިއެވެ.
ރައްޔިތުން ފާހަގަކުރި ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ އެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން މާލެއާއި އަތޮޅުތެރޭގައިވެސް ވީހާވެސް އަވަހަށް ފްލެޓްތައް އަޅާ ރައްޔިތުންނަށް ހަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢުއަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނުފޯރުވޭނެކަމަށާއި ކުރިއަށްވުރެ ކަންކަން ރަނގަޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2028 ވަނަ އަހަރު މާލެ ސަރަޙައްދުން ގިނަ މީހުންނަށް ފްލެޓް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
" ފްލެޓް ލިބި އެ އަތުލާފައި ތިބި މީހުންނަށް ވީހާވެސް ގިނަ މީހުންނަށް ފްލެޓް ދިނުމަށް މަސައްކަތް ކުރާނަން. އިތުރަށް ފުރުޞަތު ހޯދަދައިނުމަށް ފްލެޓް އަޅައިގެން މި މަސައްކަތް ކުރަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަކުން މިދިޔަ ސަރުކާރުން ފެލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކަށް މިސަރުކާރުން އެންމެ ފުރަތަމަ ހިންގާ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓްތައް ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ ޑިސެމްބަރުމަހު ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްވާފައެވެ.
ސަރުކާރުން އަންނަނީ ހުޅުމާލެއާއި ވިލިމާލެގައި ހައުސިން ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ތަރައްޤީ ކުރާ ޖުމްލަ 3,260 ފްލެޓާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި ތަރައްޤީ ކުރާ 1،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ބީއެމްއެލްއިން އަޅާ ހައުސިން ޔުނިޓްގެ އަދަދު 4000އަށް އިތުރުކުރުމަކީ އަމާޒެކެވެ.
މާލެ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދާއިރު މި ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ޖުމްލަ 58،505 އެޕްލިކޭޝަނެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ގިނައީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ އެޕްލިކޭޝަން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފްލެޓް ލިބޭ މީހުން ކަނޑައަޅައި މި އަހަރުގެ ތެރޭގައި އެކަން އެންގުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.