އެޓާނީ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ބަންޑާރަ ކަޕް"ގެ މިއަހަރުގެ ޗެމްޕިއަންކަން ކިއުވީއެލް އަދި ކްރިމިނަލް ކޯޓުން ހޯދައިފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ 5 ވަނަ "ބަންޑާރަ ކަޕް"ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކިއުވީއެލްއިން ހޯދީ ފައިނަލްގައި މީރާއާއި ވާދަކޮށް 01-01 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން ކުރި ހޯދައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފިރިހެން ޑިވިޝަނުގެ ތަށި ކްރިމިނަލް ކޯޓުން ހިއްލާލީ ޕީއޯއެސްސީއާ ވާދަކޮށް ޕެނަލްޓީއިން 07-05 އިން ކުރި ހޯދައިގެންނެވެ.
މިމެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސްވަނީ ރަނަރަޕްކަން ހޯދި ޕީއޯއެސްސީގެ ޓީމަށް ކުޅުއްވާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރެއިންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖާގަހޯއްދެވިއެވެ.
މުބާރާތަށްފަހު ވަނަވަނައަށް ދިޔަ ޓީމުތަކަށާއި ކުޅުންތެރިންނަށްވަނީ ތަށްޓާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.
ފޯރިގަދަ މެޗުތަކެއް ފެނިގެންދިޔަ މިމުބާރާތުގައި މިއަހަރު ދެ ޑިވިޝަނުން 30 ޓީމު ވާދަކޮށްފަވެއެވެ. ފާއިތުވެދިޔަ އަހަރުގެ މުބާރާތުގައި 24 ޓީމުން ވާދަކޮށްފަވާއިރު، އެއަހަރުގެ ޗެމްޕިއަން ޓީމަކީ ޑްރަގް ކޯޓާއި ކްލަބް ޖޭއެސްސީއެވެ.
މިމުބާރާތް ކުރިއަށް ދިޔައީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ކުޅުން ފަށާފައިވަނީ މިމަަހުގެ 10 ވަނަ ދުވަހުއެވެ.
ބަންޑާރަ ކަޕްގެ މަޤްސަދަކީ ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވަމުން ގެންދަވާ ޖަޖުންނާއި ލޯޔަރުންނަށް ވަޒީފާގެ މާހައުލުން ބޭރުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދީ، ވާދަވެރި މާހައުލެއްގައި އެ މުވައްޒަފުންގެ ހުނަރުތައް ދައްކާލުމަށް ފުރުސަތު ފަހިކޮށްދިނުމެވެ.