ޚަބަރު

ސިފައިން ބަލިކޮށް އެމްޓީސީސީން އެސޯސިއޭޝަން ކަޕް ކާމިޔާބުކޮށްފި


  • މިއީ އެމްޓީސީސީން އެސޯސިއޭޝަން ކަޕުގައި ކުޅުނު ފުރަތަމަ ފަހަރު

  • ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުން

  • މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އަހުސަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ކަޕުގެ ފައިނަލުގައި ސިފައިންގެ މައްޗަށް ކުރިހޯދާ މުބާރާތުގައި މުޅިން އަލަށް ވާދަކުރި، ކްލަބް އެމްޓީސީސީން ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް މި ދެ ޓީމު ބައްދަލުކުރިއެވެ. އެ މެޗު ސިފައިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެކަމަކު، ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ގޮސް އެމްޓީސީސީން ވަނީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ކްލަބް އެޗްޑީސީ 3-1 ސެޓުން ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ސިފައިންގެ މައްޗަށް އެމްޓީސީސީން ކުރިހޯދީ 3-1 ސެޓުންނެވެ.

ވާދަވެރިކޮށް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ދެ ސެޓު އެމްޓީސީސީން ކާމިޔާބުކުރީ 25-23 އަދި 25-20 އިންނެވެ. އެކަމަކު ޖެހިގެން އައި ތިންވަނަ ސެޓުގައި ސިފައިން ފެނިގެންދިޔައީ ތަފާތު މޮޅުކޮށެވެ. ނަތީޖާއަކަށްވީ އެ ސެޓު ސިފައިން 23-25 އިން ގެންދިޔުމެވެ.

މެޗުގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ ހަތަރުވަނަ ސެޓެވެ، މި ސެޓުގައި ސިފައިން ވަނީ އެމްޓީސީސީއަށް ދޫނުދީ ކުޅެފައެވެ. އެކަމަކު ސެޓުގެ ފަހު ކޯޅު ސިފައިންނަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި މި ސެޓު އެމްޓީސީސީން ގެންދިޔައީ 33-31 އިންނެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމްޓީސީސީގެ އަހުސަން (ސޮއްޓި) އެވެ. އަދި އެންމެ މޮޅު ކޯޗަކީ އެމްޓީސީސީގެ ކޯޗު މުހައްމަދު ނިޒާރު (ބޮޑޭ) އެވެ.