އިޔާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތައް މިވަގުތުވެސް ކުރިއަށްދާ ކަމަށާއި، މި މަޝްރޫޢުތައް އަންނަ އަހަރަށް އެއްކޮށް ނިންމާލެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންޤިލާބީ ބަދަލުތަކެއް ގެންނަވާނެކަން އިޢުލާންކުރައްވާފައެވެ. އެގޮތުން 2028ގެ ނިޔަލައް ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 33 އިންސައްތައަށް ބަދަލުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މާލެ ސިޓީއާއި ރާއްޖޭގެ އެކި ރަށްރަށުގައި އިއާދަކުރަނިވި ހަކަތައިގެ ތަފާތު މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ.
މި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވީ، މިދިޔި ހަފުތާގެ ތެރޭގައި ރ. އަތޮޅުގައި 6.5 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި އެރައިސް މަޝްރޫޢުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، މީގެ ތެރެއިން އޭދަފުށީގައި ގާއިމްކުރި 1.2 މެގަވޮޓުގެ ސިސްޓަމްތައް މިހާރު ބޭނުންކުރަން ފަށާފައިވާ ކަަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިހާރުވެސް 14.5 މެގަވޮޓުގެ ސޯލާ ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، މި މަސައްކަތް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ޚާއްސަކޮށްގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިފަދަ އެތައް މަޝްރޫޢެއްގެ މަސައްކަތް ބާރަށް ކުރިއަށްގެންގޮސް އަންނަ އަހަރުގެ ނިޔަލަށް ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު މި މަޝްވަރާކުރަނީ މިއަށްވުރެވެސް ބޮޑު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށްވެސް. އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ކުރެވޭ ގިނަ މަޝްރޫޢުގެ މަސައްކަތްތަކެއް މިއަހަރު ކުރިއަށްގެންދެވި، އަންނަ އަހަރަށް ގިނަ މަޝްރޫޢުތައް އިފްތިތާހުކުރެވޭނެ." ވަޒީރު ޢަލީ ޝަރީފު ވިދާޅުވިއެވެ.
ހަކަތައާބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަދި ރާވާފައިވާ މަޝްރޫޢުތައް ނިމުމުން ޤައުމީ އިޔާދަ ކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް އިތުރަށް ބޭނުންވާ 330 މެގަވޮޓްގެ އިޔާދަކުރަނިވި ހަކަތަ ޤާއިމްކުރެވޭނެ ކަމަށެވެ. މިއާއެކު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33އަށް އިޔާދަ ކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ހަކަތައިގެ މަޝްރޫޢުތަަކަށް ބަލާއިރު ރ، އަދި ބ، އަތޮޅުގެ 26 ރަށެއްގައި 6.5 މެގަވޮޓްގެ ސޯލާ ޕީވީ ހައިބްރިޑް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި މިހާރު މިވަނީ މި ނިޒާމުތައް ބޭނުންކުރަން ފަށާފައެވެ. ކުޅުދުއްފުށި، އޭދަފުށި، ހިންނަވަރު، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގައި 11 މެގަވޮޓްގެ ސޯލާ ސިސްޓަމްތަކުގެ %95 މަސައްކަތް ވަނީ ނިމިފައެވެ. މީގެ ތެރެއިން އޭދަފުށީގައި ގާއިމްކޮށްފައިވާ ސޯލާ ސިސްޓަމްތައް އެއްކޮށް ނިންމައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.
މީގެ އިތުރުން، ކ، އއ، އދ، އަދި ވ އަތޮޅުގެ 23 ރަށެއްގައި 5.88 މެގަވޮޓްގެ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި 18 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓެރީ ސްޓޯރޭޖް ގާއިމުކުރުމުގެ ޑިޒައިން ރިވިއު މަރުހަލާ ކުރިއަށްދާއިރު، އިތުރު 13 ރަށެއްގައި 14.5 މެގަވޮޓްގެ ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރާނެ ފަރާތެއް ހޯދުމުގެ ޓެންޑަރިންގ މަސައްކަތް ނިންމައި މިމަސައްކަތް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތައިގެ ޖުމްލަ އިންސްޓޯލް ކެޕޭސިޓީ 53 މެގަވޮޓުން 116 މެގަވޮޓަށް ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން، ހަކަތަ ރައްކާކުރުމަށްޓަކައި 158 މެގަވޮޓްގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ރަށްރަށުގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ބާރުމިނެއްގައި ދަނީ ކުރަމުންނެވެ.