ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ސްޕޭނުގެ ކުޅުންތެރިން އައު ސީޒަނަށް ކުރިމަތިލާއިރު ވިސްނުން ވަރަށް ބޮޑަށް ބަދަލު ކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޮސް ޕުޔޯލް ބުނެފި އެވެ.
އޭނާ އަކީ ފުރަތަމަ ފަހަރަށް ސްޕޭނަށް ވޯލްޑް ކަޕް 2010 ވަނަ އަހަރު ހޯދައިދިން ޓީމުގެ މުހިންމު ޑިފެންޑަރެވެ. އެ ތަޖުރިބާއާއެކު ޕުޔޯލް އެންމެ ބޮޑަށް މުހާތަބް ކުރީ ބާސެލޯނާގެ ކުޅުންތެރިންނަށެވެ. އެ ޓީމުގެ އަށް ކުޅުންތެރިއަކު ސްޕޭނުން ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު ޓީމުގައި ތިއްބެވެ.
"ވޯލްޑް ކަޕް ކާމިޔާބު ކުރެވުނީމާ އެންމެ ވެސް ތިބެނީ ވިލާތަކަށްވުރެ އުހުގައި. ސަބަބަކީ އެންމެން ވެސް ބުނާނީ އެ މީހުން ވަރަށް މޮޅޭ. އެ ނޫން ވާހަކައެއް ނީވޭނެ. އެކަމަކު ހަގީގަތް ގަބޫލު ކުރަންވާނެ. މި ވިސްނުން ބަދަލު ކުރަން ޖެހޭނެ އައު ސީޒަނަށް ތައްޔާރުވާއިރު. އެހެނޫނީ ކާމިޔާބު ހޯދަން ދަތިވާނެ،،" ޕުޔޯލް ބުންޏެވެ.
އޭނާ އަދި ބުނީ ސްޕޭނުގެ ގައުމީ ޓީމަށް ކުޅުނު ބާސެލޯނާގެ ގިނަ ކުޅުންތެރިންނަކީ ވަރަށް ޒުވާން ކުޅުންތެރިން ކަމަށާއި އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ.
"ވޯލްޑް ކަޕާއެކު އެންމެ ބޮޑު މައްސަލައެއް ދިމާވާނީ ޕްރީ ސީޒަން ރަނގަޅަށް ނުހެދޭނެތީވެ. އެކަމަކު ބާސެލޯނާއަށް ބަލާއިރު އެ ތިބީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް. މިހެންވީމާ އެ މީހުންގެ ރިކަވަރީ ވެސް އަވަސްވާނެ. އެ މީހުންނަށް މާގިނަ ޕްރެކްޓިހަކާއި ނުލައި ވެސް އެންމެ މަތީ ފެންވަރުގައި ކުޅެވިދާނެ. އެކަމަކު އެންމެ މުހިންމު ކަމަކީ ވަރަށް މޮޅޭ ބުނާ ވިސްނުން ދޫކޮށް ހަމަ ބިމުގައި ތިބުމުގެ ވިސްނުން ގެންގުޅުން،" 10 އަހަރު ވަންދެން ބާސެލޯނާގެ ކެޕްޓަން ކުރި އިތުބާރު ދިފާއީ ކުޅުންތެރިޔާ ބުންޏެވެ.
ސްޕެނިޝް ލީގުގެ އައު ސީޒަން މި ހަފުތާގައި ފަށާފައިވާއިރު ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ މެޗުތައް ފަށާނީ މާދަމާ ނޫން އަނެއް ދުވަހު އެވެ.