މި މަހު 12 ވަނަ ދުވަހުން ފެށިގެން ކ. ތުލުސްދޫގައި ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާ މުބާރާތެއްކަމަށްވާ "މޯލްޑިވްސް ޕްރޯ 2026" ގެ މެންސް ރައިސިން ކެޓަގަރީގެ ޗެމްޕިއަންކަން ފްރާންސްގެ ވަރުގަދަ ބޮޑީބޯޑަރު ޕިއޭރް ލުއިސް ކޮސްޓެސް ހޯދިއިރު، އަންހެން ޕްރައިމް ސީރީސްގެ ޗެމްޕިއަންކަން ޖަޕާނުގެ ނަމިކާ ޔަމަޝީތާ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ލުއިސް ޖާގަ ހޯދީ ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދުގެ މައްޗަށް ސެމީ ފައިނަލުގައި ކުރިހޯދައިގެންނެވެ.
ފައިނަލް ހީޓުގައި ލުއިސް ވާދަކުރީ ސެމީ ފައިނަލުގައި ރާއްޖޭގެ އާމިން ބަލިކޮށް ފައިނަލުން ޖާގަ ހޯދި އާމިޑޭއާއެވެ.
ފައިނަލް ހީޓުގައި ލުއިސް މުޅިއެކު ހަތް ރާޅުގައި އެޅިއިރު، އޭނާއަށް ޖުމްލަ 18.50 ގެ ސްކޯއެއް ލިބުނެވެ. އާމިޑޭއަށް ލިބުނީ 14.50 ގެ ސްކޯއެކެވެ. އާމިޑޭ ފައިނަލް ހީޓުގައި އެޅީ މުޅިއެކު ހަ ރާޅުގައެވެ.
ލުއިސް އެންމެ މަތިން ސްކޯކުރީ ފުރަތަމަ ރާޅު އަދި ހަތަރުވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުން ލުއިސް އަށް 8.50 ގެ ސްކޯއެއް ލިބުނުއިރު، ހަތަރުވަނަ ރާޅުން ފުރިހަމަ 10 ޕޮއިންޓް ވަނީ ސްކޯކޮށްފައެވެ. ބޮޑީބޯޑިންގައި އެއް ރާޅުގައި އެންމެ ގިނައިން ޕޮއިންޓް ސްކޯކުރެވޭނީ 10 ޕޮއިންޓެވެ.
އާމިޑޭ އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ހަތަރުވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުން އާމިޑޭ ވަނީ 8.00 ސްކޯކޮށްފައެވެ. އަދި ހަތަރުވަނަ ރާޅުން ވަނީ 6.30 ސްކޯކޮށްފައެވެ.
މީގެ އިތުރުން މި މުބާރާތުގެ އަންހެން ޕްރިއިމް އިވެންޓުގެ ޗެމްޕިއަންކަން ޖަޕާނުގެ ނަމިކާ ހޯދީ ފައިނަލުގައި ޖޮއާނާ ޝެންކާއާ ވާދަކޮށް 0.55 ގެ ސްކޯއަކުންނެވެ.
ފައިނަލް ހީޓުގައި ނަމިކާއަށް މުޅިއެކު 13.35 ލިބުނުއިރު، ޖޮއާނާއަށް ލިބުނީ 12.80 ގެ ސްކޯއެކެވެ.
ފައިނަލް ހީޓުގައި ނަމިކާ ޖުމްލަ ފަސް ރާޅުގައި އަޅާފައިވާއިރު، އެންމެ މަތިން ސްކޯކުރީ ދެވަނަ އަދި ތިންވަނަ ރާޅުގައެވެ. ދެވަނަ ރާޅުން ނަމިކާ 7.00 ގެ ސްކޯއެއް ހޯދިއިރު، ތިންވަނަ ރާޅުން 6.35 ގެ ސްކޯއެއް ވަނީ ހޯދައިފައެވެ.
ޖޮއާނާ އެންމެ މަތިން ސްކޯކުރެވުނީ ފުރަތަމަ އަދި ތިންވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުން 6.00 ގެ ސްކޯއެއް ލިބުންއިރު، ދެވަނަ ރާޅުން 6.80 ގެ ސްކޯއެއް ވަނީ ހޯދައިފައެވެ.
މި ފަހަރު އަންހެން އިވެންޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 18 ބޮޑީބޯޑަރުން ވަނީ ބައިވެރިވެފައެވެ.