ޚަބަރު

ހޮޅުދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިއްޖެ


  • 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގަ އަޅާފައިވޭ

  • ޕްލާންޓް ޓެސްޓުކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައި

  • މަސައްކަތް ކުރިއަށް ގެންދިޔައީ ސްޓެޓިކް ކޮމްޕެނީއިން

ނ.ހޮޅުދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

2019ވަނަ އަހަރު ފެށި އެ މަސައްކަތް ދަޢުރު ނިމުނުއިރުވެސް އޮތީ ނުނިމިއެވެ. ނަމަވެސް ފަހުން މަސައްކަތްތައް ހަލުވިކޮށް، މިހާރު މިވަނީ ހޮޅުދޫގެ ފެނުގެ ނިޒާމުގެ މަސައްކަތްތައް މުޅިން ނިންމާފައެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ނިމުމާއެކު ޓެސްޓްކޮށް ކޮމިޝަންކޮށް ނިމިފައިވާ ކަމަށެވެ.

ކޮމިޝަން ކުރުމުގެ މަސައްކަތުގައި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދު، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުން ކޮންޓްރެކްޓަރ، ފެނަކަ ކޯޕަރޭޝަނުން އަދި ކައުންސިލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 6.6 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް، 60 ޓަނުގެ 2 އާރްއޯ ޕްލާންޓް، 25 ޓަނުގެ ވާރޭ ފެން ޕްލާންޓް، 350 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކް އަދި 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކް ޤާއިމުކޮށްފައިވެއެވެ.

ދެން ކުރިއަށްދަނީ، މި ނިޒާމު އޮޕަރޭޓް ކުރުމުގެ ގޮތުން އޮޕަރޭޓަރާއި ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. ގިނަ ރަށްރަށުގެ ޔުޓިލިޓީ ޚިދުމަތްތައް ބަލަހައްޓާނީ، އެރަށްރަށުގައި ކަރަންޓުގެ ޚިދުމަތްދޭ ޔުޓިލިޓީ ކުންފުނިންނެވެ. ހޮޅުދޫގައި އެ ޚިދުމަތް ދެނީ، ފެނަކައިންނެވެ.

11 ރަށެއްގައި ފެނާ ނަރުދަމާ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ފެށި މަޝްރޫޢުއެއްގެ ދަށުން، ނ.ހޮޅުދޫގެ މަސައްކަތް ހަވާލުކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ، 16 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ނ.ހޮޅުދޫއަކީ، 1400އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ.