މިވަގުތު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާނެތް ދާއިރާތަކުން ތައުލީމު ހާސިލުކުރުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "މައި ކެރިއަރ ޕޯޓަލް" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"މައި ކެރިއަރ ޕޯޓަލް"އަކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި، މުވައްޒަފުން ހޯދުމުގެ ނިޒާމުގެ އިތުރުން ކެރިއަރ ޑިވެލޮޕްމަންޓުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ. ޕޯޓަލް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު އިހްސާން ވިދާޅުވީ، ވަޒީފާ ހޯދަމުންދާ އެތައް ބަޔަކު އަދި ވަޒީފާއަށް މީހުން ހޯދާ އެތައް ފަރާތްތަކެއް ރާއްޖޭގައި އެބައުޅޭ ކަމަށެވެ. މި 2 ބައިގެ ދެމެދުގައި އޮންނަ ދަތިތަކާއި ހުރަސްތައް ކުޑަކުރުމަކީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެ މީހަކަށް އެންމެ އެކަށީގެންވާ ވަޒީފާއަކީ ކޮބައިތޯ މަދުންނަމަވެސް ކެރިއަރ ގައިޑެންސްގެ ޒަރިއްޔާއިން ބުނެދެމުންދާ ކަމަށެވެ. އެހެންނަމަވެސް މި ހުރިހައި ކަމެއް އެއް ދިމާލަކުން ފަސޭހަކަމާއިއެކު ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ބުނެދެވޭނެ ޕްލެޓްފޯމެއް މިހާތަނަށް ރާއްޖޭގައި ނެތްކަމަށް ވިދާޅުވިއެވެ. ނޭޝަނަލް ކެރިއަރ ސަރވިސްގެ ފަރާތުން ތައާރަފްކުރި މައި ކެރިއަރ ޕޯޓަލްއަކީ މިކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސްދޭނެ ޕްލެޓްފޯމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ދިމާވަމުންދާ އެންމެ ބޮޑު އެއް ޗެލެންޖަކީ، ދިވެހިރާއްޖޭގައި ހުރި ވަޒީފާތަކާއި ނުގުޅޭފަދަ ދާއިރާތަކުން އަޅުގަނޑުމެން ތައުލީމު ހާސިލުކޮށްގެން ސްކިލް ހޯދައިގެން އައިސް ވަޒީފާ ހޯދަން އުނދަގޫވެ އަދި އެންމެފަހުން އެމީހާ ތައުލީމު ހާސިލުކުރި ދާއިރާއާއި ނުގުޅޭ ސްކިލްސް ހުރި ދާއިރާއާ ނުގުޅޭ ދާއިރާއަކުން މަޖުބޫރީ ހާލަތުގައި ވަޒީފާ އަދާކުރާ މަންޒަރު ފެނުން. މިކަމުގެ ނަތީޖާއަކީ އެމީހާ ހިތްނޭދޭ ކޮންމެވެސް ވަޒީފާއެއް ފައިސާ ހޯދުމުގެ ނިޔަތުގައި އަދާކުރުމާއި އަދި އެ ދާއިރާއަކުން ވަޒީފާތަކަށް ޑިމާންޑް އޮތް ދާއިރާތަކުން މީހުން ނުލިބުން. މިއީ އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ލޭބަރ މާކެޓްގައި ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ހައްލުކުރަންޖެހޭ އެންމެ ބޮޑު އެއް މައްސަލަހެން." ވަޒީރު ވިދާޅުވިއެވެ.
މައި ކެރިއަރ ޕޯޓަލްގެ މައިގަނޑު މަޤުޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއަރ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުމެވެ.
މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަން ކުރުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހިމަނާފައިވެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކާއި ތަމްރީނު ލިބިފައިވާ ކައުންސިލަރުން ސީދާ ގުޅުވައިދީ، އަމާޒުތައް ކަނޑައެޅުމަށާއި ފަރުދީ ގޮތުން ބޭނުންވާ އިރުޝާދު ފޯރުކޮށްދޭނެއެވެ. މީގެއިތުރުން މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދުމަށް އެކުލަވާލާ އެކްޝަން ޕްލޭންތައް މޮނިޓަރ ކުރެވޭނެ އިންތިޒާމުވެސް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.