ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެ ބޯވިއްސާރަ ވިލާ އުފެދެނީ


  • ކުރިއަށް އޮތް 2 ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސް

  • ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 2 ދުވަހުވެސް މޫސުން އެންމެ ގޯސްވާނެކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.

އަދި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ސަރަޙައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.