މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.
މިއީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށް އެކުންފުނިން ވިދާޅުވެއެެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވީ، ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހަތް ދުވަހުގެ ތެރޭގައި ނަގައި ހުސްކުރަންޖެހޭނެ ކަމަށެވެ. މި މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. އޭގެ ތެރޭގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަ 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ހިމެނެއެވެ.
މީގެ އިތުރުން، މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހު ވަނީ އެމްޓީސީސީއާވެސް ހަވާލުކޮށްފައެވެ. އެމްޓީސީސީން ކުރިއަށްގެންދާނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި ތިން ހެކްޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.
ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ނޭޗަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ މަަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ރައީސް ވިދާޅުވީ، ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން، މިހާރު ވިޔަފާރި ބަނދަރު ހުރި ސަރަހައްދުން އެއްވެސް ޚިދުމަތެއް ނުދޭނެ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރާނީ އިންޑަސްޓްރިއަލް ވިލެޖު އަދި ތިލަފަށީގައި ކަމަށެވެ. އަދި ތިލަމާލެ ބްރިޖް ބޭނުންކުރަން ނުފެށިކަމުގައިވިއަސް ޕޯޓު އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެކަމަށާއި، ކޮންޓެއިނަރ އޮޕަރޭޝަނާއެކު ރޯރޯ ފެރީ ޚިދުމަތްވެސް ދޭ ގޮތަށް އޮޕަރޭޝަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލާއެކު ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން އުންމީދު ކުރެއެވެ. އަދި އޭގެ ސަބަބުން މުދާ ބޭލުމާއި އުފުލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވިވެ، އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.