ޚަބަރު

މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ


  • މިއަހަރު ދައުލަތަށް 40.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

  • ޖީއެސްޓީގެ ގޮތުގައި 10 ބިލިޔަން ރުފިޔާ ލިބިފައިވޭ

ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ މިހާތަނަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް 24.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓު ރިޕޯޓުގައި މިދިޔަ މަހުގެ 23ގެ ނިޔަލަށް ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފާސް ހިސާބުތައް ވަނީ އާންމުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެ 24.1 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިކަމަށް މަގުފަހިވީ، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައި އިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިޔަން ރުފިޔާއަށްވުރެ 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 12.1 އިންސައްތަ ނުވަތަ 2.0 ބިލިޔަން ރުފިޔާ އިތުރުވެ، 16.4 ބިލިޔަން ރުފިޔާއިން 18.4 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. މިމުއްދަތުގައި ޖީއެސްޓީގެ ގޮތުގައި 10 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.7 އިންސައްތަ ނުވަތަ 878.5 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މިގޮތުން އާންމު މުދަލާއި ޚިދުމަތްތަކުން ނަގާ ޖީއެސްޓީން ލިބުނު އާމްދަނީ ވަނީ އިތުރަށް ކުރިއަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރުވެ، 3.1 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިޔަން ރުފިޔާއަށްވުރެ 371.3 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތްތަކުން ނަގާ ޓީޖީއެސްޓީ 8.0 އިންސައްތަ ނުވަތަ 507.2 މިލިޔަން ރުފިޔާ އިތުރުވެ، 6.4 ބިލިޔަން ރުފިޔާއިން 6.9 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ.

މިއަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 40.4 ބިލިޔަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ ދައުލަތަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 25.5 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 21.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތަ ނުވަތަ 4.2 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މި އިތުރުވުމުން ދައްކުވައިދެނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި، ޞިއްޙީ ޚިދުމަތްތަކަށާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރި ގޮތެއްގައި ފައިސާ ޚަރަދުކުރަމުން ދިއުމެވެ.

މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި ޚަރަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރުވެ 8.5 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިޔަން ރުފިޔާއަށްވުރެ 739.7 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ މިދިޔަ އަހަރުގެ ނޮވެންބަރުގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އައިސްފައިވާ ބަދަލެއް ކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އާސަންދައަށް ކުރި ޚަރަދު 1.2 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.1 ބިލިޔަން ރުފިޔާއަށްވުރެ 14.8 އިންސައްތަ ނުވަތަ 161.5 މިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ސަބްސިޑީއަށް ކުރި ޚަރަދު 79.0 އިންސައްތަ އިތުރުވެ 3.2 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 23ގެ ނިޔަލަށް ހޭދަކުރި 1.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލިފައިވާތީ ސަބްސިޑީއަށް ކުރާ ޚަރަދުތައް މި އަހަރުގެ ތެރޭގައި އުފުލިފައިވާކަން ފާހަގަކުރެވެއެވެ.

މިދިޔަ މަހުގެ 23ގެ ނިޔަލަށް ހުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 1.5 ބިލިޔަން ރުފިޔާގެ ޕްރައިމަރީ ސަރޕްލަސްއެއް ލިބިފައިވާއިރު، އޯވަރޯލް ބެލެންސް ހުރީ 1.4 ބިލިޔަން ރުފިޔާގެ ޑެފިސިޓެއްގައެވެ.