ޚަބަރު

ކިއުއާރު ކޯޑު މެދުވެރިކޮށް ފަވަރައާއި ޔޫޕީއައިގެ ޚިދުމަތް ފޯރުކޮށްދޭން ފަށަނީ


  • ރާއްޖޭގެ ހުރިހާ ބޭންކުތައް މި ނިޒާމުގައި ބައިވެރިކުރުމަކީ އަމާޒެއް

ފަވަރައާއި ޔޫޕީއައިގެ ޚިދުމަތް ކިއުއާރު ކޯޑު މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން މިހާރު ވަނީ ރާއްޖޭގެ އިންސްޓެންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އާއި އިންޑިއާގެ ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް 'ޔޫޕީއައި' ގުޅާލާފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ވަނީ ރާއްޖެއިން އިންޑިއާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވިދާޅުވީ، މިއަދު އިފްތިތާހުކުރެވިގެން ދިޔަ މި ޚިދުމަތް ލިބޭނީ ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އަދި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ މެދުވެރިކޮށް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ޚިދުމަތް ފުޅާކޮށް ރާއްޖޭގެ ހުރިހާ ބޭންކަކާއި، ޕޭމަންޓް ސަރވިސް ޕްރޮވައިޑަރުން މި ނިޒާމުގައި ބައިވެރިކުރުމަކީ އުންމީދެއް ކަމަށްވެސް އަސްނާ ފާހަގަކުރެއްވިއެވެ.

ޚިދުމަތް ފުޅާކުރުމަށް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ އަސްނާ ވިދާޅުވީ، ކުރިއަށްއޮތްތަނުގައި ދެ ގައުމުގެ ރައްޔިތުންނަށްވެސް އެ ގައުމެއްގެ އަމިއްލަ އެޕްތައް މެދުވެރިކޮށް ވިޔަފާރިތަކަށް ސީދާ ފައިސާ ދެއްކޭނެ ގޮތަށް، ކިއު.އާރް ބޭސްޑް މާރޗަންޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.

"ކުރިއަށް ބަލާއިރު، ދެ ގައުމުގެ ރައްޔިތުންނަށްވެސް އެ ގައުމެއްގެ އަމިއްލަ އެޕްތައް މެދުވެރިކޮށް ވިޔަފާރިތަކަށް ސީދާ ފައިސާ ދެއްކޭނެ ގޮތަށް، ކިއު.އާރް ބޭސްޑް މާރޗަންޓް ޕޭމަންޓްސްއަށް މި ޕާޓްނަރޝިޕް ފުޅާކުރާނަން. މިއަދަކީ ހަމައެކަނި ފެށުމެެއް. އަޅުގަނޑުމެންގެ އުންމީދަކީ އައު އީޖާދުތަކުގެ އެހީގައި 'ފަވަރަ' ގެ ބޯޑަރު ހުރަސްކޮށް ކުރެވޭ މުއާމަލާތްތައް އިތުރަށް ވަރުގަދަކޮށް، ފައިސާ ފޮނުވުމާއި ލިބުމަކީ ބޭނުންޖެހިފައިވާ ކޮންމެ މީހަކަށްވެސް ފަސޭހަ، އަގުހެޔޮ އަދި އަބުރުވެރި ކަމަކަށް ހެދުން" އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުގައި ކުރުމަށް ހަމަޖެހިފައިވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އަސްނާ ވިދާޅުވީ މިވަގުތު ފައިސާ ފޮނުވެނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ކަމުގައި ވިޔަސް، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ދެވަނަ މަރުހަލާގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މި ނިޒާމު ފުރިހަމަވުމުން ކަސްޓަމަރުންގެ ދިވެހި ރުފިޔާ، ޑޮލަރު އަދި އިންޑިއަން ރޫޕީ އެކައުންޓްތަކުން ފަސޭހަކަމާއެކު ފޮނުވޭނެކަމަށް އަސްނާ ވިދާޅުވިއެވެ.

މި ޚިދުމަތުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން އަސްނާ ވިދާޅުވީ، މިއީ ބޭސްފަރުވާއަށާއި ތައުލީމީ ބޭނުންތަކަށް އިންޑިއާއަށް ފައިސާ ފޮނުވާ ފަރާތްތަކަށާއި، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް އެމީހުންގެ އާއިލާތަކަށް ފައިސާ ފޮނުވުމަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އިންޑިއާއަކީ ދިވެހިންނަށް މުހިންމު މަންޒިލަކަށް ވާއިރު، މިފަދަ އިތުބާރު ހުރި ނިޒާމެއް ގާއިމުވުމަކީ ބޮޑު އެހީތެރިކަމެއްކަމަށް އަސްނާ ސިފަކުރެއްވިއެވެ.

ފަވަރައާއި ޔޫޕީއައި ގުޅާލާ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިހާރު ފަށާފައިވާ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކެވެ. މިވަގުތު މި ޚިދުމަތް ބޭނުންކުރެވެނީ ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. ކޮންމެ ކަސްޓަމަރަކަށް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް ނުވަތަ ގާތްގަނޑަކަށް 250 ޑޮލަރުއެވެ. މި ޚިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ތަޢުލީމީ ޚަރަދުތަކާއި، ބޭސްފަރުވާ އަދި އާއިލީ ޚަރަދުތަކަށެވެ.