ޚަބަރު

ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ


  • 14 ދުވަހާއި އެއްއަހަރުގެ މުއްދަތަކަށް ހުއްދަ ހިފެހެއްޓުމުގެ ބާރު ލިބޭ

  • ދޮގު މައުލޫމާތު ދީފިނަމަ އެކުންފުންޏެއް ބްލެކް ލިސްޓުކުރުމުގެ ބާރު ލިބޭ

ހުއްދަނެތި ރާއްޖެއަށް ބޭހެއް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާއި ހަމައަށް ޖޫރިމަނާކޮށް ބޭހެއް އެތެރެކުރި ފަރާތުގެ ލައިސަންސް ހިފެހެއްޓޭ ގޮތަށް ބޭހާ ބެހޭ ޤަވާއިދު އެކުލަވާލައިފިއެވެ.

ބޭހާއި ބެހޭ ޤަވާއިދުގައި ވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭސް ގުދަންކުރުމާއި ވިިއްކޭނެ މިންގަނޑުތައް ކަނޑައަޅާފައެވެ.

ބޭހާއި ބެހޭ ޤަވާއިދުގައި ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރުމަށް ދިވެހިރާއްޖެއަށް އިމްޕޯޓުކޮށް ވިއްކުމަށް ހުއްދަދޭ ބޭހުގެ ރަޖިސްޓްރީއެއް ނުވަތަ ލިސްޓެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ. މިގޮތުން އެކުލަވައިލާ ރަޖިސްޓްރީ، މަދުވެގެން އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަންޖެހޭނެ ކަމަށް މި ޤަވާއިދުގައިވެއެވެ. ނަމަވެސް އެ ރަޖިސްޓްރީއަށް ބަދަލެއް އަތުވެއްޖެނަމަ އެ ބަދަލެއް ގެނައި ތާރީޚު އެނގޭގޮތަށް ރަޖިސްޓްރީ އަދާހަމަ ކުރަމުން ގެންދަންވާނެކަމަށް ޤަވާއިދުގައި ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް އެތެރެ ކުރުމަކީ ނުވަތަ އެތެރެ ކުރުމަށް އުޅުމަކީ މަނާ ކަމެކެވެ.

މި ޤަވާއިދުގައިވާ ގޮތުން ހުއްދަ ބޭހުގެ ރަޖިސްޓްރީ އެކުލެވިގެން ވަނީ ޑޮކްޓަރީ ބޭހާއި ދިވެހިބަހާއި އޯލްޓަނޭޓިވް ބޭހެވެ. މި ޤަވާއިދުގައި ރަޖިސްޓްރީގައި ނުހިމެނޭ ބޭހެއް ނުވަތަ ބޭހުގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑުގެ މަސައްކަތަށް ބަދަލެއް ގެނެވޭ އުފެއްދުމެއް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޤަވާޢިދުގައި ވަނީ، ކޮންޓްރޯލްޑް ޑްރަގްސް އިމްޕޯޓުކޮށް ވިއްކާ، ޑިސްޓްރިބިއުޓްކޮށް އަދި ކޮންޓްރޯލްޑް ޑްރަގްސްއާ ގުޅޭ މި ނޫންވެސް އެންމެހައި މުޢާމަލާތު ކުރަންވާނީ އެމްއެފްޑީއޭއިން އެކަމަށް ދޫކުރާ ޚާއްޞަ ހުއްދައެއް ހޯދުމަށްފަހުގައި ކަމަށެވެ.

މި ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބޭސް އުފައްދާ ފަރާތްތަކާއ،ި ބޭސް އެތެރެކުރާ ފަރާތްތަކާއ،ި ބޭސް ސަޕްލައިކުރާ ފަރާތްތަކާއ،ި ބޭސް ރައްކައުކޮށް ގުދަންކުރާ ފަރާތްތަކާއ،ި ބޭސް ހޯލްސޭލް ކުރާ ފަރާތްތަކާއ،ި ބޭސް ރިޓެއިލް ކުރާ ފަރާތްތަކާއ،ި ފާމަސީތައް ހިންގާ ފަރާތްތަކާއ،ި ބޭސް ވިއްކާ ފަރާތްތައް އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދަންޖެހެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހަކީ، މި ޤަވާއިދާ އެއްގޮތަށް އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށ،ް ހުއްދަ ލިބިފައިވާ ބޭސްކަމުގައި ވާންޖެހެއެވެ.

މި ޤަވާއިދުގެ ދަށުން ދިވެހިރާއްޖެއަށް ބޭހެއް އެތެރެކުރެވޭނީ، އެ ބޭހެއް ރަޖިސްޓްރީކޮށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ ގުދަންތަކުގައި ބޭސް ބަހައްޓައިގެން ބޭނުންކުރާ ގޮތުގެ ތަފުސީލު ކޮންމެ 6 މަސް ދުވަހަކުން އޮތޯރިޓީއަށް ހުށަހަޅަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ. އަދި ބޭސްގުދަނުގެ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހ،ު އެ ގުދަނުގެ ނަމުގައި ބޭސް އެތެރެ ކުރުމަކީ މަނާކަމެކެވެ.

ރާއްޖޭގައި އެއްވެސް ބޭހެއް އުފައްދައި ޕެކު ކުރަންޖެހެނީ އެމްއެފްޑީއޭގެ ހުއްދައާއެކުގައެވެ. ބޭސް އުފެއްދުމާއި ޕެކުކުރުމަށް ދޭ ހުއްދައިގެ ދަށުން އުފައްދައި ޕެކުކުރާ ބޭސ،ް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަ ހޯދައިގެން ނޫނީ ބަލި މީހުންގެ ފަރުވާއަށް ބޭނުން ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވެއެވެ. މި މި ޤަވާއިދުގައި ވަކިކަމެއް ކުރަން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް ކުރާ ކަންކަމުގައ،ި އެކަމެއް ނުވަތަ އެޢަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް ފިޔަވަޅު އަޅާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ނަސޭހަތް ދިނުމާއެކު އެކަމެއް އިސްލާޙު ކުރުމަށް މުދައްތެއް ދެއެވެ. އަދި 10،000 ރުފިޔާއާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭއިރު، ދޫކޮށްފައިވާ ހުއްދަ 14 ދުވަހާއި 1 އަހަރު ދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން ހިފެހެއްޓުމުގެ ބާރު ލިބިގެންވެއެވެ.

މީގެއިތުރުން ބޭސް ރަޖިސްޓްރީކުރަން ދޮގު މައުލޫމާތު ދީފިނަމަ، އެ ކުންފުންޏެއް ބްލެކް ލިސްޓުކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބޭނެ ކަމަށާއި، އެ ފިޔަވަޅު އަޅައިފިނަމަ ޚިދުމަތް ފަށަން އަލުން ރަޖިސްޓްރީކުރަން ހުށަހެޅޭނީ، 6 މަސް ދުވަހުގެ މުއްދަތަކަށްފަހު ކަމަށް ޤަވާއިދުގައިވެއެވެ.

ފާމަސީ ރަޖިސްޓްރީ ކުރުމަށްފަހު ޚިދުމަތް ނުފަށާ 6 މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ހިނގައިފިނަމަ ބޭސް ވިއްކުމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓާނެއެވެ. އަދި ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ ދިނުމަށްފަހު ފާމަސީ ނުހިންގާ 3 މަސް ދުވަހަށްވުރެ ގިނަ ވިޔަސް ވަގުތީގޮތުން ހުއްދަ ބާތިލުވާނެއެވެ. މި ޤަވާއިދުގެ ދަށުން އަމިއްލަ ބޭނުމަށްވެސް ބޭސް އެތެރެ ކުރެވެއެވެ. ނަމަވެސް ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް އެގޮތަށް ބޭސް އެތެރެކުރެވޭނީ، 3 މަސް ދުވަހަށެވެ. ނަމަވެސް ބަލި މީހާގެ މެޑިކަލް ރިކޯޑު ހުށަހަޅައިގެން 6 މަސް ދުވަހަށް ބޭސް އެތެރެ ކުރެވެއެވެ.

މި ޤަވާއިދަށް އަމަލުކުރަން ފަށާނީ، ގެޒެޓުކުރާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ. އޭގެފަހުން ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތައް އަލުން ރަޖިސްޓްރީކުރަން ޖެހޭނެއެވެ.