ރާއްޖޭގެ 61ވަނަ މިނިވަން ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަންނާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އާމިރާ އިސްމާޢީލް ވިދާޅުވީ، މިއަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ހަމައެކަނި ޖުލައި 26ގައިކަމަށެވެ.
އެގޮތުން އެހެންއަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް ފުރަތަމަ އޮންނާނީ ޖުލައި 26ވަނަ ދުވަހު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެވެ. އެއަށްފަހު މިނިވަން ދުވަހުގެ ހެނދުނު ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އެ ރަސްމިއްޔާތުގެ ތެރެއިން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖުލައި 26ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 8:15ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެސަރަޙައްދުގައި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑުގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ކުރިއަށް ގެންދާގޮތަށް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުންވެސް މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ފާހަގަކޮށްލެވޭ މަޝްހޫރު ބައެއް ނަޝާ ގްރޫޕްތަކުގެ ހުށަހެޅުންތަކާއި، ބޮޑުބެރު ގްރޫޕްތަކުގެ ހުށަހެޅުންތައް ފެނިގެންދާނެކަމަށް އާމިރާ ވިދާޅުވިއެވެ.
މިއަހަރުގެ މިނިވަން ދުވަހަށް ޚާއްސަކޮށްގެން ބާއްވާ "މިނިވަން ރަން"އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާމިރާ ވިދާޅުވީ، އެ ދުވުމަށްވެސް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށެވެ.
މި ރަންގައި ދުވުމަށް ހަމަޖެހިފައިވަނީ 5 ކިލޯމީޓަރަށެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މިރަންގައި 2000 މީހުނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިނިވަން ދުވަހަށްއެމްއެންޑީއެފުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އެމްއެންޑީއެފުން ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ކެޕްޓަން އިސްމާޢީލް އަޙްމަދު ވިދާޅުވީ، މިނިވަން ދުވަހު އެމްއެންޑީއެފުން ހުށަހަޅައިދޭ އައިޓަމަކީ އެ އައިޓަމަށް ދެންހުރި އައިޓަމްތައް ދޫނުކުރާ ވަރުގެ އައިޓަމަކަށް ވެގެންދާނެކަމަށެވެ.
"ރާއްޖޭގެ މިނިވަން ދުވަހޭ ބުނީމަ ވަރަށް ވަރުގަދަކޮށް މީގެ މާނަ ނެގެނީ. މިނިވަން ދުވަހު އެމްއެންޑީއެފްއިން ހުށަހަޅައިދޭ އައިޓަމަކީ އެ އައިޓަމަށް ދެންހުރި އައިޓަމްތައް ދޫނުކުރާ ވަރުގެ ފިސާރި ވަރުގަދަ އައިޓަމަކަށް ވެގެންދާނެ."
މިނިވަން ދުވަހާއި ގުޅިގެން ފަންނާއި ސަޤާފަތާއި ތަރިކައާއިބެހޭ ވުޒާރާއާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން ފޮޓޯ ނެގުމުގެ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.