ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމަށް ފައިދާހުރި ގުޅުންތަކެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބިޒްނަސް ވެބިނާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ދިވެހިރާއްޖެއާއި ޖަޕާނަކީ އިތުބާރާއި އިޙްތިރާމާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮތް 2 ޤައުމު ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއާއި، ކާރިސާތަކުން ރައްކާތެރިވުން އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން ފަދަ ދާއިރާތަކުން މި ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. ދުނިޔޭގެ އިންވެސްޓްމަންޓުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއެކު ވިޔަފާރިތަކުން ބޭނުންވަނީ އިތުބާރު ހުރި ބައިވެރިންނާއި، ދެމެހެއްޓެނިވި ފުރުޞަތުތަކެއް އޮތް މާކެޓްތަކެއް ކަމަށާއި، ރާއްޖެއިން އެމަގަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެ ބަލައިގަތް ނަމަވެސް، މިހާރުގެ ރާއްޖެއިން ފަތުރުވެރިކަމުގެ އިތުރުން ގިނަ ފުރުޞަތުތަކެއް ފަހިކޮށްދޭ. އިޤްތިޞާދު ސިންދަފާތު ކުރުމަކީ ސަރުކާރުގެ މުހިންމު އިސްކަމެއް. އިންވެސްޓްމަންޓް މާޙައުލު ވަރުގަދަކުރުމަށާއި، ރެގިއުލޭޓަރީ އޮނިގަނޑު ޒަމާނީ ކުރުމަށް އަދި ވިޔަފާރިކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް އިޞްލާޙީ ބަދަލުތައް ގެންނަމުންދަނީ." ވަޒީރު ވިދާޅުވިއެވެ.
ޖަޕާނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އިޤްތިޞާދުކަން ފާހަގަކުރައްވައި، ޖަޕާނުގެ ކުންފުނިތަކުގެ އީޖާދީ ވިސްނުމާއި، ޓެކްނޮލޮޖީގެ ބޭނުން ހިފާގޮތް ދެނެގަތުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރުކޮށް، ދެޤައުމަށް ފައިދާހުރި ގުޅުންތަކެއް ބިނާކުރުމުގެ ފުރުޞަތުތައް ފަހިކޮށްދެންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބިޒްނަސް ވެބިނާގައި ރާއްޖެއިން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ ބަންކަރިންގ، މެރިޓައިމް ޚިދުމަތްތައް، އިއާދަކުރަނިވި ހަކަތަ، މާލީ ޚިދުމަތްތައް، ސިނާޢީ ތަރައްޤީ، ޚާއްޞަ އިޤްތިޞާދީ ޒޯންތައް، ޑިޖިޓަލް ވިޔަފާރި، އީ-ކޮމާސް އަދި ކްރިއޭޓިވް އިކޮނޮމީ ފަދަ ދާއިރާތަކުން ހުރި ފުރުޞަތުތައް ހިއްސާކޮށްފައިވެއެވެ. މި ވެބިނާގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލާއި، ހުރި ފުރުޞަތުތަކާއި، ބޭރުގެ އިންވެސްޓަރުންނަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގެ މަޢުލޫމާތު ބައިވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.