ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ދައުލަތުގެ ބަޖެޓުން 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ސަރުކާރު ޚަރަދުގައި އާންމު އިޖުތިމާޢީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކަށް ކުރާ ޚަރަދުގެ ތަފްޞީލް ވަނީ ހާމަކޮށްފައެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 3.2 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ޚަރަދުކުރި 3.8 ބިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު 15.7 އިންސައްތަ ދަށް އަދަދެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަޝްރޫޢުތަކަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަކަށްވާއިރު، މި މަޝްރޫޢުތައް ވަނީ އެކި ދާއިރާތަކަށް ބަހާލާފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް 100 މިލިޔަން ރުފިޔާ އަށްވުރެ އިތުރަށް 7 ދާއިރާއަކުން ޚަރަދު ކޮށްފައިވެއެވެ.
ވަކިވަކި ދާއިރާތަކުން ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު، މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނެވެ. އެގޮތުން މި ދައިރާއިން ކުރި ޚަރަދު 1.3 ބިލިޔަނަށް އަރާފައިވާއިރު، މީގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދަތުރުފަތުރުގެ ދާއިރާގެ ވަސީލަތްތައް ޤާއިމްކުރުމަށެވެ. މިކަމަށް 997.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 576.9 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މިކަަމަށް ޚަރަދު ކޮށްފައިވަނީ، 290.3 މިލިޔަން ރުފިޔާއެވެ. މިދާއިރާއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. މި ބަޔަށް 571.8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކައެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ބޯހިޔާވަހިކަމުގެ ދާއިރާއަށް 480 މިލިޔަން ރުފިޔާ ޚަަރަދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ޚަރަދުކުރި 215 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު 123 އިންސައްތަ އިތުރު އަދަދެެކެވެ. މި ދާއިރާއިން އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ސަރުކާރުން ހިންގާ ވަކިވަކި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށެވެ.
ޞިއްޙީ ދާއިރާއަކީ، ސަރުކާރުން ކޮންމެ އަހަރަކުވެސް އެންމެ ހާއްސަ އިސްކަމެއް ދީގެން ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޮޑު ހޭދައެއް ކުރާ އެއް ދާއިރާއަކަށްވާއިރު މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް މި ދާއިރާއަށް 206.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި މި ދާއިރާއަށް ހޭދަކޮށްފައިވަނީ، އެންމެ 73.2 މިލިޔަން ރުފިޔާއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ، ޕީއެސްއައިޕީއަށް ކުރި ޚަރަދު ދަށްވުމަކީ، މަޝްރޫޢުތައް ހިންގުމުގެ ޚަރަދު ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށެވެ. ސަރުކާރުން ވަނީ، ޕީއެސްއައިޕީ މަޝްރޫޢުތައް ހިންގުމުގައި މި އަހަރުން ފެށިގެން ފައިދާއަށް ބަލާނެކަން ހާމަކޮށްފައެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށް ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމްކޮށް، އެ ފަންޑުގެ އެހީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ދިރާސާތައް ހެދުމަށް މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.