ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ. ހިތަދޫ، މީނާޒް، އީނާސް ނަޞީރު އައްޔަނުކޮށްފިއެވެ. ޕްރަވައިޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު، ޕީސީބީއިން ވަނީ މިކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
އީނާސް ނަޞީރަކީ ދައުލަތުގެ މާލީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، މާލީ މެނޭޖުމަންޓާއި، ބަޖެޓިންގ އަދި ފައިނޭންޝަލް ރިޕޯޓިންގ ދާއިރާގެ ތަޖުރިބާކާރު ބޭކަނބަލެކެވެ. އޭނާ މިހާރު ހުންނެވީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފައިނޭންސް ޑިރެކްޓަރުގެ މަޤާމުގައެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، ސ.ހިތަދޫ، މީނާޒް، އީނާސް ނަޞީރު ވަނީ އައްޔަނުކޮށްފައި. pic.twitter.com/F9tWna4ztL
— Privatization & Corporatization Board (@pcb_gov) July 22, 2026
ވުޒާރާގެ މާލީ ކަންކަން ބެލެހެއްޓުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ އީނާސް ވަނީ، މީގެ ކުރިން އެ ވުޒާރާގެ އެސިސްޓެންޓް ޑިރެކްޓަރ–ފައިނޭންސް އަދި ސީނިއަރ އެކައުންޓްސް އޮފިސަރުގެ މަޤާމުވެސް ފުރުއްވާފައެވެ. އޭނާއަކީ، ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރ އިން ފައިނޭންސްގެ ދާއިރާއިން އެމްބީއޭ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން އީނާސް ވަނީ، އޭސީސީއޭ ސްކިލްސް ލެވެލް އަދި އެސޯސިއޭޝަން އޮފް އެކައުންޓިންގ ޓެކްނީޝަންސް ކޮލިފިކޭޝަން ފުރިހަމަ ކުރައްވާފައެވެ. އޭނާގެ ފަންނީ ތަޖުރިބާގެ ތެރޭގައި ސެޕް ގަވަރމަންޓް އެކައުންޓިންގ، އިޕްސާސް ރިޕޯޓިންގ، ޕްރޮޖެކްޓް ފައިނޭންސް، ބަޖެޓު ތަންފީޒުކުރުން އަދި އިންޓަރނަލް ކޮންޓްރޯލްސް ހިމެނެއެވެ.
ބީސީސީގެ ބޯޑަށް އައު މެމްބަރަކު މި އައްޔަނުކުރީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ކަމަށް ޕީސީބީން ވިދާޅުވިއެވެ.