ޚަބަރު

ޤަޠަރުގެ އަމީރު ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައިފި


  • މިބައްދަލުކުރެއްވުމުގައި ރައީސްވަނީ ތަޢުޒިޔާ ވިދާޅުވެފައި

  • ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރެއްވި

ޤަޠަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރައްވައިފިއެވެ.

ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ކުރިއަށްގެންދެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން ދެ ބޭފުޅުންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޤަތަރުގެ އަމީރުގެ ނައިބު ޝައިޚް ޢަބްދުﷲ ބިން ޙަމަދު އަލް ޘާނީއާއި، ޤަތަރުގެ ބޮޑުވަޒީރު، އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖައްސިމް އަލް ޘާނީއާއި ޤަތަރުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ޤަތަރާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 42 އަހަރުވެފައިވާއިރު ވޭތުވެދިޔަ ދިގު މާޒީގައި ޤަތަރުންވަނީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައިވެސް ޤަތަރުގެ ހިއްސާ ބޮޑެވެ. ޚާއްސަކޮށް ކުރީގެ އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި އޮތް ގުޅުން ބަދަހިކުރައްވާފައިވެއެވެ.