ޚަބަރު

ކްރޮއޭޝިއާގެ އާ ކޯޗަކަށް ސްލަވެން ބިލިޗް ހަމަޖައްސައިފި


  • ބިލިޗްވަނީ މީގެކުރިންވެސް ކްރޮއޭޝިއާ ޤައުމީ ޓީމަށް ކޯޗު ކޮށްދީފަ



އުމުރުން 57 އަހަރުގެ ބިލިޗް ޤައުމީ ޓީމާއި ހަވާލުވެފައިމިވަނީ އެމަގާމުގައި ވޭތުވެދިޔަ 9 އަހަރު ހުރި އަދި ކްރޮއޭޝިއާ ދުށް އެންމެ ކާމިޔާބު ކޯޗުކަމުގައިވާ ޒްލަޓްކޯ ޑަލިޗް އެމަގާމުން އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ. ބިލިޗް ވަނީ މީގެކުރިން ކްރޮއޭޝިއާގެ 21 އަހަރުން ދަށުގެ އިތުރުން ސީނަރ ޤައުމީ ޓީމުގެ ކޯޗުކަން 6 އަހަރު ކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި އޭނާގެ ކޯޗުކަމުގެ ދަށުން 65 މެޗު ކްރޮއޭޝިއާއިން ކުޅެފައިވެއެވެ.

ކްރޮއޭޝިއާގެ ކޯޗުކަމުގެ މަގާމުން ޑަލިޗް އިސްތިއުފާދީފައިމިވަނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ 32 ޓީމުގެ ބުރުގައި ޕޯޗުގަލް އާއި ވާދަކޮށް ބަލިވެ މުބާރާތަށް އަލްވަދާއު ކިއުމާއި ގުޅިގެންނެވެ. ޑަލިޗްގެ ކޯޗުކަމުގެ ދަށުން ކްރޮއޭޝިއާއިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގެ އިތުރުން 2022 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ މަގާމު ހޯދައިފައެވެ.

މަގާމާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން ބިލިޗް ބުނީ އޭނާއަށް ޤައުމީ ޓީމުގެ ކުޅުންތެރިންނާއި މެދު އިތުބާރު އެބައޮތް ކަމަށާއި އަދި ކްރޮއޭޝިއާގެ ޤައުމީ ޓީމު ފުޓްބޯޅައިގެ އެންމެ މަތީ ސަފުގައި ފައިތިލަ ސާބިތުކުރުމަށްޓަކައި ޓީމަށް ގެންނަންޖެހޭ ހިތްވަރާ ޖޯޝު ގެންނަން މަސައްކަތް ކުރާނެކަމަށެވެ. ބިލިޗް ބުނީ އޭނާ މިހިރީ ޤައުމީ ޓީމާއެކު މި އާ ގޮންޖެހުމާއި ކުރިމަތިލާން ތައްޔާރަށް ކަމަށާއި އަދި އޭނާ އަކީ 2006 އަހަރު ޤައުމީ ޓީމާއެކު ފެނުނު ކޯޗަށްވުރެ ހުރިހާ ގޮތަކުންވެސް ފުރިހަމަ ކޯޗެއްކަމަށެވެ.

2001 ވަނަ އަހަރު ހައިޑުކް ސްޕުލިޓް އިން ކޯޗު ކޮށްދޭން ފެށި ބިލިޗްވަނީ ކްރޮއޭޝިއާ ޤައުމީ ޓީމުގެ އިތުރުން އިންގްލިޝް ޕްރިމިއަރ ލީގާއި ސައުދީ ޕްރޯ ލީގުގައިވެސް ކޯޗުކޮށްދީފައެވެ. އަދި އޭނާ އެންމެ ފަހުން ކޯޗުކަން ކޮށްފައިވަނީ ސައުދީ ޕްރޯ ލީގުގެ އަލް ފަތޭހް އަށެވެ. ނަމަވެސް އެކްލަބުން 2024 ވަނަ އަހަރު ވަކިވިފަހުން މިހާތަނަށް އެހެން އެއްވެސް ކްލަބަކާއި ގުޅިފައެއް ނުވެއެވެ. ކްރޮއޭޝިއާ ޤައުމީ ޓީމަށް 44 މެޗު ކުޅެދީފައިވާ ބިލިޗްވަނީ 1998 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދި ޓީމުގައި ކުޅެފައެވެ. ބިލިޗް އަށް ޤައުމީ ޓީމާއި ހަވާލުވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތަކަށް އޮންނާނީ 2028 ވަނަ އަހަރުގެ ޔޫރޯއަށް ކްރޮއޭޝިއާ ކޮލިފައިކޮށްދިނުމެވެ. އަދި އެއަށްފަހު 2030 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމެވެ.