ޚަބަރު

ޤަތަރުގެ ޝެއިޚް ޙަމަދު: ފަލަސްޠީނުގެ ހިތްތަކުން ފިލައިގެން ނުދާނެ ވެރިއެއް


ނިސްބަތުން ކުޑަ ދައުލަތެއްގެ ގޮތުގައި އޮތް ޤަތަރު، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ނުފޫޒުގަދަ، މުއްސަނދި ބާރަކަށް ބަދަލުކޮށްދެއްވި ކާމިޔާބު ބާނީ، ޤަތަރުގެ ކުރީގެ އަމީރު ޝައިޚް ޙަމަދު ބިން ޚަލީފާ އަލް ޘާނީ އުމުރުފުޅުން 74 އަހަރުގައި އަވަހާރަވުމާ ގުޅިގެން މުޅި މެދުއިރުމަތީގެ ސިޔާސީ މައިދާނަށް ވަނީ ފުން ހިތާމައެއް ވެރިވެފައެވެ.

އެމަނިކުފާނަކީ ޤަލްފުގެ އައްސޭރިން ޤަތަރު ނަންގަވައި، ސިޔާސީ، ޚާރިޖީ އަދި އިންސާނީ އެހީގެ ދާއިރާއިން ބައިނަލްއަޤުވާމީ ޝަރަފުވެރި މަޤާމަކަށް އެ ޤައުމު ވާސިލުކޮށްދެއްވި ހިތްވަރުގަދަ ލީޑަރެކެވެ.

1995 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް، ޝައިޚް ހަމަދަށް ވަނީ ޤައުމުގެ ސައިޒަށް ވުރެ ބޮޑަށް "ސޮފްޓް ޕަވަރ" ނުވަތަ އަސްކަރީ ބާރުގެ ބޭނުން ނުކުރެއްވުމުގެ މުޙިއްމުކަން ވިސްނިވަޑައިގެންފައެވެ. ވެރިކަމުގެ ކުރީކޮޅުން ފެށިގެން ހަކަތައިގެ ދާއިރާގެ އިތުރުން ތަޢުލީމާއި، ސިއްޙަތާއި، ސައިންޓިފިކް ދިރާސާ އަދި ކުޅިވަރުގެ ބޮޑެތި މަޝްރޫޢުތަކަށް އެމަނިކުފާނު އިންވެސްޓް ކުރެއްވިއެވެ.

މީޑިއާގެ ބާރު ފުރިހަމައަށް ބޭނުންކުރެއްވުމުގެ ނަތީޖާއަކީ، ޢަރަބި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ނިއުސް ޗެނަލް ކަމަށްވާ "އަލްޖަޒީރާ" އުފެއްދެވުމެވެ. ފަހުން މި ޗެނަލް ބަދަލުވެގެން ދިޔައީ މުޅި ދުނިޔޭގެ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް ގެނުވި ވަރުގަދަ މީޑިއާ ނެޓްވޯކަކަށެވެ.

ޤަތަރުގެ ހިކުމަތްތެރި ޑިޕްލޮމެސީގެ ސަބަބުން އިރުމަތީ މެޑިޓެރޭނިއަން ކަނޑުން ފެށިގެން އެފްރިކާގެ ބައްރާ ހަމައަށް ހުރި ބޮޑެތި މައްސަލަތަކަށް ސުލްޙަވެރި ޙައްލުތަކެއް ހޯދައިދިނެވެ. އެމަނިކުފާނުގެ ފާހަގަކޮށްލެވޭ ބައެއް ކާމިޔާބީތަކުގެ ތެރޭގައި 2008ވަނަ އަހަރު ދޯހާގައި ލުބުނާނުގެ ލީޑަރުން އެއްބަސްކުރުވައި، އެ ޤައުމު ދާޚިލީ ހަނގުރާމައެއްގެ ނުރައްކަލުން ސަލާމަތްކޮށްދެއްވުން ހިމެނެއެވެ.

އަދި 2011ވަނަ އަހަރު ސޫދާނުގެ އެކި ފަރާތްތަކުގެ މެދުގައި ދިގުދެމިގެންދިޔަ މަޝްވަރާތަކަށް ފަހު، "ދޯހާ ޑޮކިއުމަންޓް" ގައި ސޮއިކުރުވުނެވެ. ފަލަސްޠީނުގައި ބައިބައިވެފައިި އޮތް ޙަމާސް ޖަމާޢަތާއި ފަތަޙް ޖަމާޢަތުގެ މެދުގައި ސުލްޙައިގެ މަޝްވަރާތައް ބޭއްވުމަށް މަގުފަހިކޮށްދެއްވުމުގެ އިތުރުން ޔަމަނާއި، ސޯމާލިއާ، އެރިޓްރިއާ އަދި ޖިބޫޓީގެ މެދުގައި އުފެދުނު ދެބަސްވުންތައް ޙައްލުކޮށްދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ޝައިޚް ޙަމަދުގެ ސިޔާސަތުތައް ބިނާވެފައި އޮތީ ހުރިހާ ފަރާތްތަކަކާ އެކުވެސް މަޝްވަރާކުރުމުގެ ފުރުޞަތު ދިނުމުގެ މައްޗަށެވެ. އެމަނިކުފާނުގެ މޭސްތިރިކަމުގައި މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ "އަލް އުދައިދު" ޤަތަރުގައި ގާއިމްކުރިއެވެ. ހަމައެއާއެކު، ފަލަސްޠީނުގެ ހަމާސް ޖަމާޢަތުގެ ސިޔާސީ ވެރިންނަށް ދޯހާ އިން ޖާގަ ދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.

2006ވަނަ އަހަރު ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ކުރި ހަނގުރާމައަށް ފަހު، ޤަތަރުގެ އެހީގައި އަލުން ބިނާކުރި ލުބުނާނުގެ ދެކުނުގެ ރަށްތަކަށް އެމަނިކުފާނު ޒިޔާރަތް ކުރެއްވިއެވެ. އަދި 2012 ވަނަ އަހަރު ޔަހޫދީންގެ ޙަމަލާތަކަށް ފަހު، ޣައްޒާގެ ޙިޞާރު މުގުރާލައްވައި، އެ ތަނަށް ޒިޔާރަތްކުރެއްވި ފުރަތަމަ ޢަރަބި ލީޑަރަކީ ވެސް އެމަނިކުފާނެވެ.

އެމަނިކުފާނުގެ ތަސައްވުރަކީ ހަމައެކަނި އިޤްތިޞާދީ ކުރިއެރުމެއް ނޫނެވެ. އެމަނިކުފާނު ބޭނުންފުޅުވީ ޢަރަބި ރައްޔިތުންގެ މިނިވަންކަމާއި ކަރާމާތަށް ވަކާލާތުކުރާ، މިނިވަން ސިޔާސީ ވަކި ޝަޙުސިއްޔަތެއް ޤަތަރަށް ހޯއްދަވައިދެއްވުމަށެވެ.

ޝައިޚް ހަމަދު 2013 ވަނަ އަހަރު ރަސްކަމުގެ ތަޚުތުން އަމިއްލަފުޅަށް ދުރަށް ޖެހިވަޑައިގަތީ، ޤަތަރަށްޓަކައި އެމަނިކުފާނު ދެކެވަޑައިގެންނެވި ހުވަފެންތައް ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށް ފަހުއެވެ. އެމަނިކުފާނު ދުނިޔެ ދޫކުރެއްވި ނަމަވެސް، އެ ކުޑަކުޑަ ޤައުމުން ބައިނަލްއަޤުވާމީ ސިޔާސީ މައިދާނުގައި ދެއްކެވި ވަރުގަދަ ޙިކުމަތާއި ތާރީޚީ ނަމޫނާ ދުވަހަކުވެސް ފަނޑުވެގެން ނުދާނެއެވެ.