ޚަބަރު

"ފުލުހުން މަސައްކަތް ކުރަންވާނީ ރައްޔިތުން މާޔޫސްވިޔަ ނުދީ ހަމަޖެހުން ޤާއިމުކުރުމަށް"


  • މަސްތުވާތަކެއްޗާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވި

  • މުއައްސަސާގެ ތެރޭގައި އަޚުލާގު ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި

ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންވާނީ ރައްޔިތުން މާޔޫސްވިޔަ ނުދީ ހަމަޖެހުން ޤާއިމުކުރުމަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވަނީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އޮތް އިތުބާރު ދެމެހެއްޓުމަށް ވަކިވަކި ފުލުހުން ކުރައްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ފަޚުރުވެރި ތާރީޚެއް އޮތް މުއައްސަސާއެއް ކަމަށާއި ރާއްޖޭގައި ސަލާމަތީގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީގޮތުން ހަމަޖެހުން ޤާއިމުކުރުމަށް ފުލުހުން ކުރައްވަމުންދާ މަސައްކަތާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

ފުލުހުންގެ ކޮންމެ އޮފިސަރަކު ކުރައްވާ މަސައްކަތަކީ ޤައުމަށް ދިމާވެފައިވާ ބޮޑެތި ވަބާތަކުން ޤައުމު ސަލާމަތް ކުރުމަށް ކުރައްވާ މުހިންމު މަސައްކަތްތަކެއް ކަމަށާއި މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ފުލުހުންނަށް އެންމެ ބޮޑު ތަސައްލީއެއް ލިބެންވާނީ ރައްޔިތުން ފުލުހުންގެ ޚިދުމަތާމެދު ހިތްހަމަޖެހިގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެކަން ކުރެވޭނީ މުއައްސަސާގެ ތެރޭގައި އަޚްލާގު ހިފެހެއްޓިގެން. އެހެންވެ ކޮންމެ ފުލުހަކުވެސް މުއައްސަސާއަށް ރީތި ނަން ހޯދަން މަސައްކަތް ކުރަންވާނެ ކަމަށާއި މުއައްސަސާގެ ތެރޭގައި މަޤާމުގެ ނުފޫޒު ފޯރުވުމާއި ކޮރަޕްޝަނަށް ޖާގަ ދީގެން ނުވާނެ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ ޒަމާނާ އެއްގޮތަށް ޚިދުމަތްދިނުމަށް ވަސީލަތްތައް ފޯރުކޮށްދެވިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ އެ ވަސީލަތްތައް ޤާއިމުކުރުމަށް ކަމަށެވެ.

އެގޮތުން މިހާރު ފުލުހުންގެ އުމްރާނީ ތަރައްޤީގެ 154 މަޝްރޫޢު ކުރިއަށްދާއިރު ގިނަ މަޝްރޫޢުތައް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި އިންޓަލިޖެންސްގެ ވަސީލަތްތަކާއި ފަހުގެ ޓެކްނޮލޮޖީ ބޭނޭނުންކޮށްގެން މަސައްކަތް ބައްޓަން ކުރުމަށް ސަރުކާރުން އިސްކަން ދެއްވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންވާނީ ކުށެއްވުމުގެ ކުރިން އެ ކުށްތަކުން މުޖުތަމަޢު ރައްކާތެރިކޮށް ދިވެހި ޒުވާނުންނަކީ ޒިންމާދާރު އަދި ކުށްތަކާ ދުރު ބަޔަކަށް ހެދުމަށް ކަމަށެ. އަދި ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ފުލުހުންނާމެދު އުއްމީދުތަކެއްވާ ކަމަށައި އެއިން އެއްވެސް ރައްޔިތަކު މާޔޫސް ނުކުރުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.