އިސްލާމީ ސިވިލައިޒޭޝަންއާއި ބެހޭގޮތުން އުޒްބެކިސްތާނުން ބޭއްވި ބައިނަލްއަޤްވާމީ ފުރަތަމަ ފޯރަމަކީ މިއަދުގެ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވުނު މުހިންމު ފުރުސަތެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އުޒްބެކިސްތާނުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އުޒްބެކިސްތާނުން އިސްލާމީ އުންމަތަށް އައު ނަމޫނާއެއް ދައްކުވައިދީފައިވާ ކަމަށެވެ. އަދި އެ ޤައުމުން އިސްލާމީ ސިވިލައިޒޭޝަން އާލާ ކުރުމަށާއި، މުއްސަނދި ތާރީޚީ ތަރިކަ ހިމާޔަތް ކުރުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން އުޒްބެކިސްތާނުގައި ބާއްވާ އިސްލާމީ ސިވިލައިޒޭޝަންއާއި ބެހޭ ބައިނަލްއަޤުވާމީ ފުރަތަމަ ފޯރަމަކީ، މިއަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންނާއި ފިކުރުވެރިން އެއްތަންވުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
އުޒްބެކިސްތާނަކީ ޢިލްމާއި، ހިކުމަތާއި، ފިކުރީ ގޮތުން މުއްސަނދި ތާރީޚެއް އޮތް ބިމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އުޒްބެކިސްތާނަކީ، އިސްލާމީ އުންމަތުގެ ބައިވެރިންނަށް ވީފަދައިން، ދެ ޤައުމަކީވެސް އޯއައިސީގެ މެންބަރު ޤައުމުތައް ކަމަށް ވިދާޅުވިއެވެ.
މިއިންޓަރވިއުގައި ވަޒީރު ވަނީ، އުޒްބެކިސްތާނުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ، ފަތުރުވެރިކަމުގައި ދުނިޔެ ބަލައިގަންނަ ޤައުމަކަށްވާއިރު، ފަތުރުވެރިންނަށް މަރުޙަބާ ކިއުމަކީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މީގެއިތުރުން އުޒްބެކިސްތާނަކީ ޤުދުރަތީ ރީތިކަމާއި، މުއްސަނދި ތާރީޚެއް ލިބިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، އުޒްބެކިސްތާނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖޭގެ އެއްބާރުލުން ލިބޭނެ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.