19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލުގެ ދޮރު ކެޔޮދޫއަށްވެސް ބަންދުވެ، ފައިނަލްގެ ދެ ޖާގަ ތިން ޓީމްގެ ރޭހަކަށް ވެއްޖެއެވެ.
ކެޔޮދޫއަށް ފުރުޞަތު ބަންދުވީ މިއަދު މާޒިޔާ އަތުން ބަލިވުމުންނެވެ. ބާކީ އޮތް މެޗުން މޮޅުވިޔަސް ކެޔޮދޫއަށް ލިބޭނީ 6 ޕޮއިންޓެވެ. އެއަދަށްވުރެ ގިނައިން ތިން ޓީމެއް ވަނީ ޕޮއިންޓް ހޯދާފައެވެ. އެއީ 10 ޕޮއިންޓާއެކު އޮތް މާޒިޔާއާއި އޮޑީގެ އިތުރުން 8 ޕޮއިންޓާއެކު އޮތް ނިއުރޭޑިއަންޓެވެ. މާޒިޔާއިން މިއަދު ކެޔޮދޫ ބަލިކުރީ 7-0 ނެވެ. މެޗުގައި މާޒިޔާގެ މުޙައްމަދު އިލާން އިމްރާން 4 ލަނޑު ޖެހިއެވެ. އަދި އެހެން ލަނޑުތައް ޖެހުމުގައިވެސް ހިއްސާވިއެވެ. ފުރަތަމަ ހާފްގައި ފުރަތަމަ ދެ ލަނޑު މާޒިޔާއަށް ޖަހައިދިނީވެސް އިލާންއެވެ.
ފުރަތަމަ ލަނޑު އިލާން ޖެހީ އޭރިޔާ ތެރޭގައި ހުރެ ކީޕަރު ބޯމަތިން ގޯލްގެ މެދަށް ބޯޅަ އޮއްސާލައިގެންނެވެ. ދެވަނަ ގޯލް ޖެހީ އޭނާ މާރކް ކުރަން ހުރި ޑިފެންޑަރ މުޙައްމަދު ޝައްމާހު ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ގޯލަށް ފޮނުވާލައިގެންނެވެ. ބޯޅަ ގޯލަށް ވަނީ ކީޕަރު ގައި ދަށުންނެވެ. މާޒިޔާގެ ތިންވަނަ ގޯލް ޖެހީ އަނޫފް އެވެ. އެއީ އިލާން ކުރިއަށް އަރާ އޭރިޔާ ތެރެއިން އަރިމަތީގައި ހުރި ނަހީކު އަހުމަދު ނިޔާޒަށް ޖައްސާލި ބޯޅައެއް އޭނާ އޭރިޔާ ތެރެއިން އަނޫފަށް ޖައްސާލުމުން ހުހަށް އޮތް ގޯލަށް ފޮނުވާލައިގެންނެވެ. ހަތަރުވަނަ ގޯލް ޖެހީ މެޗުގައި ބޭންޑް އަޅައިގެން ނިކުއިން ނައްސާހު އިބްރާހީމް ނާސިރު އެވެ. މާޒިޔާގެ ފަސްވަނަ ގޯލް ޖެހީ އިލާންގެ ދިން ބޯޅައަކުން ނަހީކު އެވެ. އިލާން ހެޓްރިކް ހެދީ މާޒިޔާގެ ހަ ވަނަ ގޯލް ޖަހައިގެންނެވެ. މާޒިޔާގެ ފަހު ލަނޑު ދެވަނަ ހާފްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިލާން ޖެހީ ކީޕަރު ކައިރިންވެސް ނައްޓާލުމަށްފަހު އެވެ.
މިމޮޅާއެކު މާޒިޔާ ވަނީ 4 މެޗުން 10 ޕޮއިންޓް ހޯދާފައެވެ. އޮޑިވެސް އޮތީ 4 މެޗުން 10 ޕޮއިންޓާއެކުއެވެ. ލީގު ބުރުގެ ފަހު މެޗުގައި ވާދަކުރަން ޖެހޭނީ މިދެޓީމެވެ. އޭގެކުރިން ލީގު ބުރުގައި ނިއުރޭޑިއަންޓް އެމީހުންގެ ފަހު މެޗުގައި ބުރާ ވާދަކުރާނެއެވެ. އެމެޗުން ނިއުރޭޑިއަންޓަށް މޮޅު ނުވެވިއްޖެ ނަމަ މާޒިޔާއާ އޮޑި ލީގު ބުރުގެ ފަހު މެޗަށް ނިކުތުމުގެ ކުރިން ފައިނަލްގެ ދެ ޖާގަ އެދެޓީމަށް ޔަގީން ވާނެއެވެ. ނިއުއިން ބުރު ބަލިކޮށްފި ނަމަ ފައިނަލްގެ ޖާގަތައް ކަނޑައެޅޭނީ މާޒިޔާއާއި އޮޑީގެ މެޗުންނެވެ. ނިއު މޮޅުވެ، މާޒިޔާއާއި އޮޑި އެއްވަރުވެއްޖެނަމަ ތިން ޓީމް ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ.