މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރެވިއްޖެނަމަ ފަރަންސޭސިވިލާތުގެ ކެޕްޓަން ކިލިއަން އެމްބާޕޭ ވެގެންދާނީ އެޤައުމުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށް ފަރަންސޭސި މީޑިއާ ތަކުން ބުނަން ފަށައިފިއެވެ.
މިފަހަރުގެ ވޯލްޑް ކަޕް ފަރަންސޭސީން ކާމިޔާބު ކޮށްފިނަމަ އެމްބާޕޭއަށް ވޯލްޑް ކަޕްގެ ތަށި ދެ ފަހަރު ކާމިޔާބުކުރެވިގެންދާނެއެވެ. އަދި އެންމެ ފަހުގެ މުބާރާތުގެ ރަން ބޫޓު ހޯދިއިރު މިމުބާރާތުގައިވެސް މިވަގުތު އުޅެނީ ލަނޑު ލިސްޓްގެ އެންމެ ކުރީގައެވެ.
އެހެން ކަމުން ފަރަންސޭސި މީޑިއާތަކުން ބުނާގޮތުގައި މިމުބާރާތް ކާމިޔާބު ކޮށް ރަން ބޫޓު ހާސިލް ކުރެވިއްޖެނަމަ އޭނާގެ ނަން ފަރަންސޭސިވިލާތުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ބަހުސަށް ހުޅުވިގެންދާނެެއެވެ.
2018 ވަނަ އަހަރު އަރަމުން އައި ތަރިއެއްގެ ގޮތުގައި ފަރަންސޭސީންނާއި އެކު ތަށި ކާމިޔާބު ކުރިއިރު 2022 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅެ ފައިނަލްގައިވަނީ ހެޓްރިކެއް ހަދާ ރަން ބޫޓު ކަށަވަރު ކޮށްފައެވެ. އަދި މިފަހަރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން އަނެއްކާވެސް ފަރަންސޭސީން ދަތުރު ކުރަމުން ދަނީ ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރުމާއި ދިމާލަށެވެ. އަދި ކްއާޓާރ ފައިނަލްގައި ޕެނަލްޓީއެއް ނާކާމިޔާބު ވިނަމަވެސް މޮރޮކޯ އަތުން މޮޅުވުމުގައި އޭނާ ޖަހައިދިން ލަނޑު ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ.
މިފަހަރުގެ މުބާރާތް ތައްޓާއެކު ފަރަންސޭސީން ނިންމާލައިފިނަމަ އެމްބާޕޭގެ ނަން ޒިނެދީން ޒިދާން އާއި މިޝޭލް ޕްލެޓިނީ އާއި އެއް ހަމައެއްގައި ގުނާލެވެން ފަށާނެއެވެ. އަދި ފަރަންސޭސިވިލާތުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ކޮބައިކަމާމެދު އުފެދޭ ބަހުސްއަށް އެމްބާޕޭގެ ނަންވެސް އިތުރު ވެގެންދާނެއެވެ.
އެމްބާޕޭގެ އުމުރުން މިހާރު 27 އަހަރު ކަމުން އޭނާ ރަނގަޅަށް ފިޓްކޮށް ހުރެއްޖެނަމަ އިތުރު އެކެއް ނުވަތަ ދެ ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ލިބިގެންދިއުން ގާތެވެ.
ފަރަންސޭސި ޤައުމީ ޓީމަށް އެމްބާޕޭ ކޮށްދީފައިވާ ހިދުމަތް މިހާރުވަނީ އެންމެ މައްޗަށް އަރައިފައެވެ. މިގޮތުން ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވުމުގެ އިތުރުން ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ފަރަންސޭސި ކުޅުންތެރިޔާގެ ލަގަބުވެސް މިހާރު އޮންނަނީ އެމްބާޕޭ އަތުގައެވެ.
ހަމައެއާއެކު މިފަހަރުގެ މުބާރާތް ނިމޭއިރު ވޯލްޑް ކަޕްގެ ތާރީހްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ލިސްޓުގެ އެންމެ ކުރިއަށް އޭނާގެ ނަން އެރުމުގެ ފުރުސަތުވެސް އެބައޮތެވެ.
ނަމަވެސް ފަރަންސޭސި ގިނަ ރައްޔިތުން ގަބޫލް ކުރާގޮތުގައި ހުނަރަށް ބަލާއިރު އެމްބާޕޭަ އާއި ޒިދާން އަޅައެއް ނުކިޔޭނެއެވެ. މިކަމުގައި ޒިދާން އުޅޭނީީ ބޮޑު ތަނުން ކުރީގައިކަމަށް އެފަރާތްތަކުން ގަބޫލް ކުރެއެވެ. ނަމަވެސް ޔަގީންވާކަމަކީ ފަރަންސޭސި ފުޓްބޯޅައިގެ ތާރީހްގައި އެމްބާޕޭއަށް އޮތް ޖާގަ އެހެން އެއްވެސް ކުޅުންތެރިޔަކަށް އަތުނުލެވޭނެކަމެވެ.