ޚަބަރު

ކުނި އަންދައިގެން ދުވާލަކު 13 މެގަވޮޓުގެ ހަކަތަ އުފައްދާ ޕްލާންޓެއް ތިލަފުއްޓަށް


  • ކުނި އަންދައިގެން އުފައްދާ އަޅި ޓްރީޓްކޮށްގެން ސިމެންތީގެ ބަދަލުގައި ބޭނުންކުރެވޭނެގޮތް ހަދާނެ

  • ތިލަފުށީ ވޭސްޓް ޓު އެނަރޖީ ޕްލާންޓް ހަވާލުކޮށްފައިވަނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން

ތިލަފުށީގައި ގާއިމުކުރާ ވޭސްޓް ޓު އެނަރޖީ ޕްލާންޓުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން ވިދާޅުވީ، އެ ޕްލާންޓުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ 60 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. ތިލަފުށީ ވޭސްޓު އެނަރޖީ ޕްލާންޓް ހަވާލުކޮށްފައިވަނީ، ބިލްޑް އެންޑް އޮޕަރޭޓް ކުރާ އުސޫލުންނެވެ.

ކުނިން ހަކަތަ އުފެއްދުމަކީ، ރާއްޖެއަށް އައު ޓެކްނޮލޮޖީއެއް ނަމަވެސް މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރަމުންދާ ނިޒާމެކެވެ. ރާއްޖޭގައި މިވަގުތު އައްޑޫ ސިޓީގައި މިފަދަ ޕްލާންޓެއް ޤާއިމުކޮށްފައިވާއިރު، ރާއްޖޭގައި އެންމެ ގިނައިން ކުނި މެނޭޖްކުރާ މެދުރާއްޖެތެރޭގެ ކުނި މެނޭޖްކުރާ ތިލަފުށީގައި މިފަދަ ބޮޑު ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.

ވޭސްޓް ޓު އެނަރޖީ މަޝްރޫޢާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން އަޙްމަދު މުރުތަޟާ ވިދާޅުވީ، މިވަގުތު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ 13 މެގަވޮޓުގެ ކަރަންޓު އުފެއްދޭ ޕްލާންޓެއް ކަމަށެވެ. އެއީ، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އެންދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެއް ކަމަށް ވިދާޅުވިއެވެ.

"މިޕްލާންޓުން ކުނި ޕްރޮސެސްކުރުމަށްފަހު އުފައްދާނެ ކަރަންޓު މިހާރު ޑިޒައިންކޮށްފައި އެހެރީ 13 މެގަވޮޓް އަވަރގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް. އޭގެތެރެއިން 3 މެގަވޮޓް ބޭނުންކުރާނީ އެފެސިލިޓީ ރަންކުރަން، ބާކީ 10 މެގަވޮޓު ނިންމާފައި އޮތީ ގްރިޑަށް ފީޑްކޮށްގެން އެވިއްކައިގެން ކުރިއަށްގެންދާ ގޮތަށް." މުރުތަޟާ ވިދާޅުވިއެވެ.

މިޕްލާންޓުން ކުނި ޕްރޮސެސް ކުރުމުން އުފެދޭ އަޅިއަކީވެސް މުހިއްމު ވަޞީލަތަކަށް ހެދުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށް މުރުތަޟާ ވިދާޅުވިއެވެ. އެގޮތުން އިމާރާތް ކުރުމުގެ ސިނާޢަތަށް ބޭނުން ކުރެވޭނެ ފެންވަރަށް އަޅި ޓްރީޓްކުރުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި އަންދައިގެން 100 ޓަނުގެ އަޅި އުފެއްދޭއިރު އެއަޅި ޓްރީޓް ކޮށްގެން ބޭނުންކުރެވޭ ގޮތަށް ހެދުމުގެ ސަބަބުން ރާއްޖޭގައި ސިމެންތީގެ ބަދަލުގައި މި ބާވަތްތައް ބޭނުން ކުރުމަށް މަގުފަހިވާނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކުނި އެންދުމުގެ ސަބަބުން އުފެދޭ ނުރައްކާތެރި އަޅި ރައްކާ ކުރެވޭނެ ސަރަޙައްދެއްވެސް މުޅި ޕްލާންޓުގެ މަސައްކަތް ނިމޭއިރު ހުންނާނެއެވެ.

މިޕްލާންޓް ބޭނުންކުރަން ފަށާތާ 2 އަހަރުގެ ތެރޭގައި ރާއްޖެއިން ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑުގެ ތެރެއިން 40،000 މެޓްރިކް ޓަނުގެ ކާބަންޑައިއޮކްސައިޑް ބޭރުކުރުން ހުއްޓުވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. ހަމައެއާއެކު ގްރިޑަށް ފީޑްކުރާ 10 މެގަވޮޓާއެކު ކަރަންޓު އުފެއްދުމަށް ތެލަށް ކުރާ ހޭދަ ގާތްގަނޑަކަށް 2 މިލިޔަންވަރު މަދުކުރެވޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިޕްލާންޓުގެ މަޝްރޫޢަކީ، އޭޑީބީއާއި އޭއައިއައިބީއާއި ޖަޕާނުގެ ޖޭސީއެމްއާއި ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީގައިވެސްވަނީ، ކުނިން ހަކަތަ އުފެއްދުމަށް ޕްލާންޓެއް ޤާއިމްކޮށްފައެވެ. އައްޑޫގެ ޕްލާންޓް ހިންގުމަށް ބަޔަކާއި ޙަވާލުކުރުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. އައްޑޫގެ ޕްލާންޓަކީ، ދުވާލަކަށް 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ ޕްލާންޓެކެވެ.