ވ. ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން މުދާ އުފުލާ ބޯޓެއް ދިޔަވެގެން އަޑިއަށްދާކަމުގެ މައުލޫމާތުލިބިގެން، ކޯސްޓް ގާޑުން އެސަރަހައްދަށް ދަތުރުކުރަމުންދާކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ދިޔަވެގެން އަޑިއަށްދާކަމުގެ މައުލޫމާތު ލިބިފައިވަނީ "ޖަޒީރާ Q-10" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓެއްކަމަށެވެ.
ބޯޓު އަޑިއަށްދާކަމުގެ މައުލޫމާތުލިބުމާއެކު އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވަނީ ފެލިދޫގެ 5 ނޯޓިކަލް މޭލު ހުޅަނގުން އަޑިއަށްދާ އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށާއި އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވައި، ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހަނދުމަކޮށްދެއްވާފައެވެ.