ޚަބަރު

ކުޑަކުދިންގެ ހެދިބޮޑުވުމާގުޅޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ


  • ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް

  • ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާގައި

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ. ގައްދޫ ކަށިކެޔޮމާގެ އުމުރުން 47 އަހަރުގެ ޑރ. އާމިނަތު ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ޑރ. ފަޒުނާގެ ކަށުނަމާދު އޮންނާނީ މާލޭ އާސަހަރާ މިސްކިތުގައި، މިރޭ އިޝާ ނަމާދަށް ފަހުގައެވެ.


ޑރ. ފަޒުނާ ވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން ތައުލީމާއި ތަމްރީން ހާސިލުކުރައްވާފައެވެ.

އޭނާ ކިޔަވާ ވިދާޅުވުމަށްފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

އޯޓިޒަމްއާއި އޭޑީއެޗްޑީއާއި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިންނަށް ދެނެގަތުމަށް އެސެސްމެންޓްތައް ހެއްދެވުމުގައި ޑރ. ފަޒްނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

ޑރ. ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، ޞިއްޙީ ދާއިރާގެ މީހުންނާއި، އޭނާ ފަރުވާ ދެއްވި ކުދިންގެ އާއިލާގެ މެންބަރުން ދަނީ ތަޢުޒިޔާ ކިޔަމުންނެވެ.