މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވައިލަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، ޖުލައި 12 ވާ އާދީއްތަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވާފައިވާކަމަށެވެ.
އެ ފުރުސަތު ހުޅުއްވާލައްވާނީ، މިމަހުގެ 12ވާ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ވިދާޅުވީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްކަމަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ.
އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރައްވައި ހުށަހެޅުއްވުމަށާއި، އެލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، އެ ލިޔުމުގެ ދެފުށުގައި އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ސަމާލުކަން ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ އެދިވަޑައިގެންފައެވެ.