މެކްސިކޯގެ ގައުމީ ޓީމުގެ ކޯޗުކަމަށް ރަފައެލް މާކޭޒް ހަމަޖައްސައިފި އެވެ.
މެކްސިކޯގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ ޑިފެންޑަރ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖައްސާފައިވަނީ މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގައި އިންގްލެންޑް އަތުން ބަލިވި މެޗަށްފަހު ކުރިން އެ މަގާމުގައި ހުރި ހާވިއޭ އަގުއެރޭ މަގާމުން ދުރުކުރުމަށްފަހުގަ އެވެ.
މެކްސިކޯގެ ގައުމީ ޓީމަށް 148 މެޗު ކުޅެދީފައިވާ ރަފައެލް މާކޭޒް އަކީ ގައުމީ ޓީމުގައި އަގުއެރޭގެ ކޯޗިން ޓީމުގައި ހިމެނުނު މެމްބަރެކެވެ.
ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ސައުތު އެފްރިކާ އާއި ސައުތު ކޮރެއާގެ އިތުރުން ޗެކް ރިޕަބްލިކް އާއި ދެކޮޅަށް ކުޅުނު ތިން މެޗުންވެސް މެކްސިކޯ ވަނީ މޮޅުވެފަ އެވެ. އަދި ދެވަނަ ބުރުގައި އެކުއެޑޯ ބަލިކޮށް ގަދަ 16 އަށް ދަތުރުކުރި ނަމަވެސް އަޒްޓޭކާ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުގައި އިންގްލެންޑް އަތުން މެކްސިކޯ ވަނީ 3-2 ގެ ނަތީޖާއަކުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.
މެކްސިކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަފައެލް މާކޭޒް ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖައްސާފައިވަނީ 2030 ވަނަ އަހަރުގެ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ރަގަޅު ޕްލޭނަކާއިއެކު އެ މުބާރާތާއި ކުރިމަތިލުމަށް ކަމަށެވެ.
އަގުއެރޯ މެކްސިކޯގެ ކޯޗު ކަމާއި ތިންވަނަ ފަހަރަށް ހަވާލުވެފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ ވަނީ މެކްސިކޯ 2002, 2010 އަދި 2026 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިކޮށްދީފަ އެވެ.